ބްރިޖުން އެއާޕޯޓަށް ވެހިކަލްތައް ވަނުމުގެ އުސޫލު އާންމުކޮށްފި
ބްރިޖުން އެއާޕޯޓަށް ވެހިކަލްތައް ވަނުމުގެ އުސޫލު އާންމުކޮށްފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުރަސްކޮށް އެއާޕޯޓަށް ވެހިކަލްތައް ވަނުމުގެ އުސޫލާއި ޕާކް ކުރުމުގެ އަގުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު އާންމުކޮށްފި އެވެ.

ބްރިޖް މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވައިލާއިރު، އެމްއޭސީއެލުން އާންމު ކުރި އުސޫލުގައިވާ ގޮތުން އެއާޕޯޓަށް ވަންނަ ވެހިކަލްތަކަށް އޮންނާނީ މައިގަނޑު ހަތަރު ސަރަހައްދެކެވެ. އެއީ އަމިއްލަ ވެހިކަލްތަކަށް ޕާކް ކުރާނެ ސަރަހައްދަކާއި ފުރަން އަންނަ ފަރާތްތައް ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާ ބަސްތަކަށް ޚާއްސަ ސަރަހައްދެކެވެ.

ފުރަން ދާ މީހުން ދަތުރުކުރާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކާއި ބަސްތަކަށް ޚާއްސަ ސަރަހައްދުގައި ހަމައެކަނި މަޑު ކުރެވޭނީ ލަގެޖް ބޭލުމަށެވެ. އިތުރު އެއްވެސް ބޭނުމެއްގައި އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ އެވެ. އަދި މީހުން ބަލާ އެއާޕޯޓަށް ދާ އަމިއްލަ އުޅަނދުތައް ވެސް އެހެން ބޭނުމެއްގައި މަޑު ކޮށްގެން ތިބުމަކީ މަނާ ކަމެކެވެ.

އަމިއްލަ އުޅަނދުތައް ޕާކް ކުރުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުން ފީއެއް ނެގުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ފީ ނެގުމަށް ޚާއްސަ ޗެކް ޕޯސްޓެއް އެ ސަރަހައްދުގައި ހުންނާނެ އެވެ.

ފީ ނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20ރ. އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30ރ. ނަގާއިރު، ތިން ގަޑިއިރަށް 40ރ. އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30ރ. ނަގާނެ އެވެ.

ސައިކަލްތަކުން އެއް ގަޑި އިރަށް 10ރ. ނަގާއިރު، ދެ ގަޑި އިރަށް 15ރ. އަދި ތިން ގަޑި އިރަށް 20ރ. ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10ރ. ނަގާނެ އެވެ.