ދެ ކެންޑިޑޭޓުންނަށް ޓްރާންސްޕޭރެންސީން ވެސް ރިޔާސީ ބަހުސަކަށް ދައުވަތު ދީފި
ދެ ކެންޑިޑޭޓުންނަށް ޓްރާންސްޕޭރެންސީން ވެސް ރިޔާސީ ބަހުސަކަށް ދައުވަތު ދީފި

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބަހުސެއް ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ އެކު ރިޔާސީ ބަހުސެއް މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައި، އެ ދެ ބޭފުޅުންނަށް އެ ޓްރާންސްޕޭރެންސީން ވަނީ ދައުވަތު ފޮނުވައިފަ އެވެ.

އެ ޖަމިއްޔާގެ މަގްސަދަކީ ކެންޑިޑޭޓުންގެ މެނިފެސްޓޯ އާއި ސިޔާސަތުތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ރައީސް ޔާމީނާއި އިބޫއާ ދެމެދު ރިޔާސީ ބަހުސެއް ބާއްވަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނިންމިއިރު، ގައުމީ ޔުނިވަސިޓީ އާއި ރާއްޖެ ޓީވީ އަށް ވެސް އެ ދެ ކެންޑިޑޭޓުންނާ އެކު ބަހުސް ބޭއްވޭ ގޮތެއް ނުވި އެވެ.

ގައުމީ ޔުނިވަސިޓީން ބާއްވާ ބަހުސްގައި ބައިވެރިވެ ވަޑައިނުގަތުމަށް އިބޫ ނިންމެވިއިރު، ރާއްޖެ ޓީވީގެ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ވަގުތު ދެއްވެން ނެތް ޕީޕީއެމުން ވަނީ އަންގައިފަ އެވެ.