އިންޑޮނީޝިއާގެ އަވަށެއްގެ ކެފޭތަކުގައި އަންހެނުންނާއި ފިރިހެނުން އެކުގައި ކެއުން މަނާ
އިންޑޮނީޝިއާގެ އަވަށެއްގެ ކެފޭތަކުގައި އަންހެނުންނާއި ފިރިހެނުން އެކުގައި ކެއުން މަނާ

އަސޭ (ސެޕްޓެމްބަރު 7) - އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސްގެ އަވަށެއްގައި ތިމާގެ ކަމެއް ނެތް އަންހެނުންނާއި ފިރިހެނުން ރެސްޓޯރެންޓާއި ކެފޭތަކުގައި އެކުގައި ކެއުން މަނާކޮށްފި އެވެ.

ދުނިޔޭގައި އެންމެ މުސްލިމުން ގިނަ އިންޑޮނީޝިއާގެ އަސޭ އަކީ އިސްލާމީ އުސޫލްތައް ވަރަށް ބޮޑަށް ތަންފީޒް ކުރާ ޕްރޮވިންސެކެވެ. އަސޭގެ ސުމަތުރާ އައިލެންޑުގެ ބިރެއުން އަވަށުން ހަމަޖައްސާފައި ވަނީ ރެސްޓޯރެންޓްތަކާއި ކޮފީ ޝޮޕްތަކުގައި އެއް މޭޒެއްގައި އަންހެނުންނާއި ފިރިހެނުންނަށް އެކުގައި ތިބެވޭނީ އެއީ ދެމަފިރިން ނުވަތަ އެއީ ތިމާގެ ބައެއް ނަމަ އެވެ.

އެކުގައި އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހުން ވެސް މެންދުރުގެ ކެއުމުގެ ބްރޭކްގައި އެކުގައި ކެއުން ތިބުން ވަނީ މަނާކޮށްފަ އެވެ.

"މިއީ އަންހެނުންގެ އިއްޒަތާއި ކަރާމަތް ރައްކާތެރި ކުރަން ކުރާ ކަމެއް. މިކަމުގެ ސަބަބުން އަންހެނުންނަށް އިތުރު މިނިވަންކަން ލިބި ފަސޭހަތައް ލިބިގެންދާނެ. އަދި ޝަރީއާއާ ޚިލާފު ގޮތް ގޮތަށް އުޅުން ހުއްޓިގެންދާނެ،" ބިރެއުން އަވަށުގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.

އެ އަވަށުން ހަމަޖައްސާފައިވާ ގޮތުން އަންހެނުން އެކަނި ރޭގަނޑު ނުވައެއްގެ ފަހުން ރެސްޓޯރަންޓްތަަކަށް ނުދިއުމަށް ވެސް އަންގާފައިވެ އެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަދަބެއް ކަނޑައަޅައިފައެއް ނުވެ އެވެ. ނަމަވެސް ރެސްޓޯރެންޓާއި ކެފޭތަކުން ގަވާއިދު ތަންފީޒް ކުރުމަށް ބާރު އެޅުމަށް އަންގާފައިވެ އެވެ.

މީގެ ތިން އަހަރު ކުރިން ވަނީ ބަންދާ އަސޭގައި އަންހެނުން އެކަނި ރޭގަނޑު 11 ގެ ފަހުން ސިނަމާތަކާއި ކުޅިވަރު ކުޅޭ ތަންތަނުގައި ނުތިބުމަށް އަންގައިފަ އެވެ. އަދި 2013 ވަނަ އަހަރު ވަނީ ސުމަތުރާގެ އުތުރަށް އޮންނަ އަވަށެއްގައި އަންހެނުން ސައިކަލް ފަހަތަށް އަރައިގެން ދުއްވާއިރު އެއް ފަރާތަކަށް ދެ ފައި ބާލައިގެން ސައިކަލްގެ އެއް އަރިއަކަށް ތިބުމަށް އަންގައިފަ އެވެ.