07 ސެޕްޓެމްބަރ 2018 - 12:36

ދޯހާ (ސެޕްޓެމްބަރު 7) - ގަތަރުން ބިދޭސީންނަށް ޕާމަނެންޓް ރެސިޑެންސީ ދޫކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އިއުލާންކޮށްފި އެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ މި ހަފުތާގައި ވަނީ ކޮންމެ އަހަރަކު ވެސް 100 މީހުންނަށް ޕާމަނެންޓް ރެސިޑެންސީ ދޫކުރަން ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކަށް އަންގަވައިފަ އެވެ. އަމީރު ނެރުއްވި އާ ގަރާރުގެ ދަށުން، ގަތަރުގައި މަސައްކަތް ކުރާ ބިދޭސީންނަށް އެކްޒިޓް ވިސާ ނެތި ވެސް ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ލިބިގެންދާނެ އެވެ.
ގަތަރުން ތައާރަފް ކުރާ އާ ޕާމަނެންޓް ރެސިޑެންސީ ގާނޫނުގެ ދަށުން އިސްކަން ދޭނީ ގަތަރުގެ މައިންނަށް އުފަންވެފައިވާ ކުދިންނާއި ގަތަރުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ބިދޭސީންގެ ތެރޭން އެކިއެކި ދާއިރާތަކުގެ ހުނަރުވެރިންނަށެވެ.
ގަތަރުގައި ދެ މިލިއަނެއްހާ ބިދޭސީން ދިރިއުޅެ އެވެ.
ޕާމަނެންޓް ރެސިޑެންސީ އާ ގާނޫނުގެ ދަށުން ގަތަރުގެ ރައްޔިތުންނަށް ވެސް ލިބޭ ސޯޝަލް ސެކިއުރިޓީގެ ޚިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ހިލޭ ބޭސްފަރުވާ އާއި ސަރުކާރު ސްކޫލްތަކުގައި ހިލޭ ކިޔެވުން ހިމެނެ އެވެ. އަދި ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުގައި އެ މީހުންނަށް އިސްކަން ދޭނެ އެވެ.
ތަޖްރިބާކާރުން ބުނަނީ މިއީ ގަތަރުގެ އަމީރުގެ ވިޝަން 2030 ގެ ތަސައްވަރުގެ ދަށުން ތައާރަފް ކުރި ގާނޫނެއް ކަމަށެވެ. އެއީ ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ދުވަހު ތެރޭ މިހާރަށް ވުރެ އަމިއްލަ ފުދުންތެރި އަދި ތަހުޒީބުވެފައިވާ ގައުމަކަށް ގަތަރު ހެދުމެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ސައުދީ އަރަބިއާ، ބަހުރޭން، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
ގަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމެވެ. ގަތަރުގައި އާމްދަނީ ބޮލަކަށް އަހަރަކު ޖެހޭ ނިސްބަތް އުޅެނީ 124،000 ޑޮލަރުގަ އެވެ. އެއީ ހުޅަނގުގެ ގިނަ ގައުމުތަކާއި އެމެރިކާ އަށް ވުރެ މަތީ އަދަދެކެވެ.