06 ސެޕްޓެމްބަރ 2018 - 15:02

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދީގެން، ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓުންގެ ދިފާއުގައި 18 ވަކީލުންގެ ޓީމެއް އެ ރަށަށް ދާން ނިންމައިފި އެވެ.
ދެ ޕާޓީން ދިދަ ދެމުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ދިދަތަކާއި ޖަގަހައަކަށް ގެއްލުން ދީގެން އެ މީހުން ހައްޔަރުކުރުމުން އެ އަތޮޅު ވިލިނގިލީ ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒް ސައީދު ވިދާޅުވީ ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު އެ ޓީމު ކޮލަމާފުއްޓަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޔަރުކުރި މީހުންގެ ބަންދަށް މިހާރު ދީފައިވާ 15 ދުވަސް ހަމަވެ، ކޯޓަށް އަލުން ގެންދާނީ އެ ދުވަހު އެވެ.
ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުންނެވެ. އޭގައިވާ ގޮތުން އެއް ތުހުމަތެއްގައި ހިމެނޭ ދެ މީހަކަށް، އެއް ވަކީލެއް އައްޔަން ނުކުރެވޭނެ އެވެ.
ވަކީލުންގެ ޓީމުގައި، ރާއްޖޭގެ ސިޔާސީ އިސް ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތުކުރައްވާ ވަކީލުން ހިމެނިވަޑައިގަންނަަވަ އެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ހިމެނެ އެވެ.
ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީ މީހުން ހައްޔަރުކުރުމުން އެ ޕާޓީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.