އިންޑިއާ ރުޕީސްގެ އަގު މިއަދު ހުރީ 72 ގައި
އިންޑިއާ ރުޕީސްގެ އަގު މިއަދު ހުރީ 72 ގައި

ނިއު ދިއްލީ (ސެޕްޓެމްބަރު 6) - އިންޑިއާ ރުޕީސްގެ އަގު ޑޮލަރާ އަޅާބަލައިރު 72 ރުޕީސް އަށް މިއަދު ވެއްޓިއްޖެ އެވެ.

މިއީ އިންޑިއާގެ ތާރީޚުގައި ވެސް އެ ގައުމުގެ ފައިސާ އަގު މިހާ ދަށްވި ފުރަތަމަ ފަހަރެވެ. އިންޑިއާ ރުޕީސް މިއަދު މެންދުރު މާރުކޮށްފައި ވަނީ ޑޮލަރަކަށް 72.12 ގެ ރޭޓުގަ އެވެ.

ރުޕީސްގެ އަގު މި މަސްތެރޭ ވަނީ ދެ ޕަސެންޓް ދަށްވެފަ އެވެ. މި އަހަރު ފެށުނު ފަހުން ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. އަހަރު ފެށުނު އިރު އަގު ހުރީ ޑޮލަރަކަށް 63.67 ރުޕީސްގަ އެވެ.

މާލީ ވަޒީރު އަރުން ޖައިތްލީ ވިދާޅުވީ ރުޕީސްގެ އަގު ވެއްޓެމުން ދަނީ ދުނިޔޭގެ މާލީ ބާޒާރަށް އަންނަ ހީނަރުކަމާ ގުޅިގެން ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ފައިސާގެ އަގު ވެއްޓެމުންދާ ނިސްބަތަށް ބަލާއިރު އިންޑިއާ ރުޕީސްގެ އަގު ވަރުގަދަ ކަމަށް ވިދާޅުވި އެވެ. ފައިސާގެ އަގު ހިފެހެއްޓުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރުޕީސްގެ އަގު ހިފެހެއްޓުމުގެ ގޮތުން ސެންޓްރަލް ބޭންކުން މި އަހަރު ވަނީ ދެ ފަހަރެއްގެ މަތިން އިންޓަރެސްޓް ރޭޓް ބޮޑު ކޮށްފަ އެވެ.

އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ ފައިސާގެ އަގު މި މަހު 1 ވަނަ ދުވަހު ވަނީ 71 އަށް ވެއްޓިފަ އެވެ.