07 ސެޕްޓެމްބަރ 2018 - 07:24

ފެޝަން ބްރޭންޑްތައް ވެސް މިހާރު އަންނަނީ ތިމާވެއްޓާ ރަހުމަތްތެރިވަމުންނެވެ. އެގޮތުން، ބައެއް ބްރޭންޑްތަކުން ވަނީ ޖަނަވާރުންގެ ކެހެރި އެ މީހުންގެ އުފެއްދުންތަކުގައި ބޭނުންކުރުން ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ރާލްފް ލޯރެން، ގުޗީ، ކަލްވިން ކްލީން، އަރްމާނީ އަދި ވަސާޗޭ ހިމެނެ އެވެ.
މި ލިސްޓަށް މި ފަހަރު އިތުރުވީ އިނގިރޭސިވިލާތުގެ ބާބެރީ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކެހެރި ބޭނުންކުރުން ހުއްޓާލައިފައިވާ އިރު، ނުވިކި ގުދަންކުރަން ޖެހިފައި ހުންނަ އުފެއްދުންތައް އެންދުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.
ބާބެރީން ވަނީ ހެދުމާއި ކޮސްމެޓިކްގެ ތެރެއިން ނުވިކި ގުދަންކުރަން ޖެހުނު 28.6 މިލިއަން ޕައުންޑްގެ އުފެއްދުންތައް އަންދާލައިފަ އެވެ. އަދި އެކަން މިދިޔަ ޖުލައި މަހުގެ ތެރޭގައި އިއުލާން ކުރުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ނަމަވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސައްކަތްތައް ބައްޓަންކުރަން ގެނައި ބަދަލުތަކާ އެކު އުފެއްދުންތައް އަންދައިލުމާއި ޖަނަވާރުންގެ ކެހެރި ބޭނުންކުރުން ރަސްމީކޮށް ހުއްޓާލިކަން ވަނީ އިއުލާންކޮށްފަ އެވެ.
"މިއީ އިސްރާފުގެ ބައި ކުޑަކޮށް، ބާބެރީގެ މަސައްކަތައް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަން ކުރުމުގެ ގޮތުން ގެނައި ވަރަށް ހަރުދަނާ ބަދަލެއް ކަމަށް އަހަރެމެން ދެކެނީ،" ބާބެރީގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު އަމަލުކުރަން ފަށާފައިވާ އާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ރިސައިލްކުރުމާއި މަރާމާތު ކުރުމާއި ޑޮނޭޓް ކުރުމާއި އަލުން ބޭނުންކުރުން ފަދަ ކަންކަމަށް ދޭ އިސްކަން ބޮޑުވެގެން ދާނެ އެވެ. އަދި މީގެ ސަބަބުން ބާބެރީގެ ކުރިމަގު ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަަމަށް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބާބެރީން ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި 90 މިލިއަން ޕައުންޑަށް ވުރެ އަގު ހުރި އުފެއްދުންތައް ނައްތާލައިފަ އެވެ.
"އަލަށް އަމަލު ކުރަން ފެށި ޕްލޭނުގެ ދަށުން ދެމެހެއްޓެނިވި އުސޫލުތަކެއްގެ ތެރެއިން ބާބެރީގެ މަސައްކަތްތައް ބައްޓަންވެގެން ދާނެ،" އެ ކުންފުނީގެ ސީއީއޯ މާކޯ ގޮބެޓީ ވިދާޅުވި އެވެ. "މީގެ ސަބަބުން އިޖުތިމާއި ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ކުރިއެރުންތަކެއް ހޯދޭނެ."