06 ސެޕްޓެމްބަރ 2018 - 13:43

ނިއު ޔޯކް (ސެޕްޓެމްބަރު 6) - ދުބާއީ އިން ނިއު ޔޯކަށް 521 ޕަސިންޖަރުންނާ އެކު ދަތުރުކުރި އެމިރޭޓްސްގެ ޕަސިންޖާ މަތިންދާ ބޯޓަކުން ގިނަ އަދަދެއްގެ ބަޔަކު ބަލިވުމާ ގުޅިގެން އެ ބޯޓު ޖޯން އެފް. ކެނެޑީ އެއާޕޯޓުގައި ކަރަންޓީނު ކޮށްފި އެވެ.

ނިއު ޔޯކް އެއާޕޯޓުގައި ބޯޓު ޖެއްސި އިރު 19 މީހަކު ވަނީ ބަލިވެފަ އެވެ. މެދުއިރުމަތިން ދަތުރުކުރި ބޯޓުގައި ތިބި 100 އަށް ވުރެ ގިނަ މީހުން ވަނީ ހުން އައިސް ކެއްސަން ފަށާފައި ކަމަށް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސީޑީސީ އާއި އެހެން އެޖެންސީތައް ގުޅިގެން ވަނީ އެމިރޭޓްސް ބޯޓުގެ ޕަސިންޖަރުން ސްކްރީން ކޮށްފަ އެވެ. ޕަސިންޖަރުންގެ ޓެމްޕަރޭޗާ ޗެކް ކުރުމަށް ފަހު ޝައްކު ކުރެވޭ މީހުން ވަނީ ހޮސްޕިޓަލަށް ފޮނުވައިފަ އެވެ.
ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯގެ ތަރުޖަމާން ވިދާޅުވީ އެމިރޭޓްސް ބޯޓުން ދަތުރު ކުރި ބައެއް ޕަސިންޖަރުންނަކީ ސައުދީ އަރަބިއާގެ މައްކާގައި ތިބެފައި ދިޔަ މީހުން ކަމަށެވެ. އަދި ބަލިވި ޕަސިންޖަރުންނަކީ ރޯގާ ޖެހިފައި ތިބި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.