06 ސެޕްޓެމްބަރ 2018 - 12:26

ޕެރިސް (ސެޕްޓެމްބަރު 6) – ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެއްވެސް ކުޅުންތެރިޔަކު ނޮމިނޭޓްވެފައިނުވާތީ މާޔޫސްވެފައިވާ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.
ފީފާގެ އެވޯޑަށް ވާދަކުރަނީ އެ މުބާރާތުގެ ފައިނަލުން ބަލިވި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިވަޕޫލުގެ މުހައްމަދު ސަލާހެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ފްރާންސްގެ އެންޓޮއިން ގްރިޒްމަން ވެސް ނޮމިނޭޓްވުން ހައްގެވެ. އެއީ ފްރާންސާ އެކު ދެއްކި މޮޅު ކުޅުމުގެ އިތުރުން އެތުލެޓިކޯ މެޑްރިޑަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދޭން އަދާކުރި ދައުރުގެ ސަބަބުންނެވެ.
"އަހަރެން މިހިރީ ހިތްހަމަނުޖެހިފައި. އަހަރެން ނުބުނާނަން ބޭއިންސާފެކޭ. ސަބަބަކީ އެހެން ބުނެފިއްޔާ އެ ބުނެވެނީ މިހާރު ވާދަކުރާ ތިން ކުޅުންތެރިންނަށް ހައްގެއް ނޫނޭ. އެ ކުޅުންތެރިންނަށް ވެސް ހައްގު. އެކަމަކު އަހަރެން މި ބުނާ ވާހަކައަކީ ގްރިޒްމަން އާއި އަދިވެސް ފްރާންސްގެ އިތުރު ކުޅުންތެރިންގެ ނަން ވެސް ހައްގޭ ތިޔަ ލިސްޓުގައި ހިމެނެން."
ޑިޝޯމްޕްސް ބުނީ އޭނާ ވަކިކޮޅަކަށް ޖެހެނީ ނޫން ކަމަށާއި އެކަމަކު އެ ކުޅުންތެރިން ފްރާންސާ އެކު އަދި ކްލަބާ އެކު ހޯދި ކާމިޔާބީތަކަށް ބަލާއިރު އެފަދަ ލިސްޓެއްގައި ހިމެނެން ޖެހޭ ކަމަށް ގަބޫލުކުރެވެނީ ކަމަށެވެ.
"ގްރިޒްމަން ޔުރޮޕާ ލީގު ކާމިޔާބުކުރި. ފައިނަލުގައި މުހިއްމު ދައުރެއް އަދާކުރި. އޭނާ އާއި އެހެން ކުޅުންތެރިންނާ މެދު އަހަރެން ހިތާމަކުރަން." އެންމެ މޮޅު ކޯޗުގެ މަގާމް ނޮމިނޭޓްވެފައިވާ ޑިޝޯމްޕްސް ބުންޏެވެ.