ކެރިއަރު ނިންމާލާނީ ވެސް މެޑްރިޑުގައި ހުރެ: މާސެލޯ
ކެރިއަރު ނިންމާލާނީ ވެސް މެޑްރިޑުގައި ހުރެ: މާސެލޯ

މެޑްރިޑް (ސެޕްޓެމްބަރު 6) – ކެރިއަރު ނިންމާލާނީ ރެއާލް މެޑްރިޑުގައި ހުރެ ކަމަށް ބުނެ، ޔުވެންޓަސް އަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މާސެލޯ ޖަވާބުދީފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސް އިން އަންނަނީ އެ ޓީމުގެ ބްރެޒިލް ފުބްލެކް އެލެކްސް ސެންޑްރޯ އާއި މާސެލޯ ބަދަލުކުރަން ހުށަހަޅަން ތައްޔާރުވަމުންނެވެ.

"އަހަންނަށް އެބަ އަޑުއިވޭ ވަރަށް ހަމަނުޖެހޭ ވާހަކަތަކެއް. (ކެރިއަރު) ނިމެންދެން އަހަރެން ހުންނާނީ މިތަނުގައި،" މާސެލޯ ބުންޏެވެ. "ބައެއް މީހުން އެބަ އުފައްދާ ވުޖޫދުގައި ނެތް ވާހަކަތަކެއް."

މާސެލޯ ބުނީ އަދިވެސް އޭނާގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން މެޑްރިޑާ ދާދި ފަހުން ގުޅުނު ބްރެޒިލްގެ އުމުރުން 18 އަހަރުގެ ފޯވާޑް ވިނީޝިއަސްހާ އޭނާ ވެސް މޯޓިވޭޓްވެފައިވާ ކަމަށް ބުންޏެވެ.

ޔުވެންޓަސް އިން ވަނީ މި ސީޒަނަށް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެންގޮސްފަ އެވެ. އެ ދުވަސްވަރު މާސެލޯ ގެންދަން އުޅޭ ކަމަށް ވެސް ވާހަކަތައް ފެތުރުނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސް އިން މަސައްކަތްކުރަނީ ޖެނުއަރީ މަހު މާސެލޯ ގެންދެވޭތޯ އެވެ. އެ ޓީމުގެ ހުރިހާ ވެސް އަމާޒަކީ ޗެމްޕިއަންސް ލީގެވެ.

ބްރެޒިލްގެ ފުލުމިނެންސޭ އިން 2007 ވަނަ އަހަރު މެޑްރިޑާ ގުޅުނު މާސެލޯ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދައިފަ އެވެ. އޭނާ އަކީ މިހާރު އެ ޓީމުގެ ވައިސް ކެޕްޓަން ވެސް މެ އެވެ.