07 އޯގަސްޓް 2016 - 09:35

އެކަޑަމީ އެވޯޑު ކާމިޔާބުކޮށްފައިވާ ހޮލީވުޑް ބަތަލާ ޖޫޑީ ޑެންޗާ އެކު ހޮލީވުޑް ފިލްމެއް ކުޅުމުގެ ފުރުސަތު ބޮލީވުޑް އެކްޓަރު އަލީ ފަޒާލް އަށް ލިބިއްޖެ އެވެ. މި ފިލްމުގެ ނަމަކީ "ވިކްޓޯރިއާ އެންޑް އަބްދުލް" އެވެ.
މިއީ އަލީގެ ހޮލީވުޑް ދެ ވަނަ ފިލްމެވެ. މީގެ ކުރިން އަލީ ވަނީ "ފިއުރިއަސް 7"ގައި ވެސް ބައިވެރިވެފަ އެވެ.
މި ފިލްމުގައި އަލީ ކުޅެނީ އަބްދުލް ކަރީމް ކިޔާ އިންޑިއާ ނޯކަރެއްގެ ރޯލެވެ. ފިލްމުގައި ކުއީން ވިކްޓޯރިއާ (ކުއެންޗް)ގެ އެންމެ ސިއްރުވެރި އަދި ޓީޗަރަކަށް އަލީ ވެ އެވެ.
މި ފިލްމަކީ ސްޓެފަން ފްރިއާޒް ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ދަ ފިލޯމެނާ އާއި ދަ ކުއީން ހިމެނެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ލީ ހޯލް އެވެ.
ޑެންޗް އާ އެކު ފިލްމުގެ ޝޫޓިން ފަށާހިތުން އަލީ ފަޒާލް މިހާރު ހުރީ ކެތްމަދުވެފަ އެވެ. އަލީ ބުނި ގޮތުގައި ޑެންޗް އަކީ އިނގިރޭސި ވިލާތުގެ ނުވަތަ މުޅި ދުނިޔޭގެ ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަންހެނެއް ކަމުން އޭނާއާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ފިލްމު ލިބުނީ ވަރަށް ގިނަ އޮޑިޝަންތަކާއި ބުރަ މަސައްކަތުން ކަމަށް ވެސް އަލީ ބުނެފައިވެ އެވެ.
އަލީގެ ބޮލީވުޑް ފިލްމު "ހެޕީ ބާގް ޖާއޭގީ" މިހާރު ވަނީ ރިލީޒްވުމަށް ތައްޔާރުވެފަ އެވެ.