06 ސެޕްޓެމްބަރ 2018 - 10:49

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކުރާ، ސްރީ ލަންކާ ބްރައުން އިންވެސްޓްމަންޓްސް ކުންފުނިން ރާއްޖޭގައި ދެ ރިސޯޓެއް ހަދަން ފަށައިފި އެވެ.

އެ ކުންފުންޏާ ހަވާލާދީ ލަންކާގެ ނޫހެއްގައި ބުނެފައި ވަނީ ބްރައުން އިންވެސްޓްމަންޓުން ހިންގާ ބްރައުން ހޮޓެލްސް އެންޑް ރިސޯޓުން ތަރައްގީކުރާ ނަސަންދުރަ އާއި އދ. މާމިގިލީ ކައިރީގައި އޮންނަ ބޮޑުފަރުފިނޮޅުގައި ހަދާ ދެ ރިސޯޓުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށެވެ.
ނަސަންދުރަ ހުރި ތަން ސަރުކާރުން ވަނީ 2015 ވަނަ އަހަރު އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދީފަ އެވެ. އެ ތަން ދިނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮތް އެންޕީއެޗް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށެވެ. އަދި ބްރައުން ކުންފުނިން އެތަން ތަރައްގީ ކުރަނީ އެންޕީއެޗްއާ އެކު ޖޮއިންޓްވެންޗާއެއް ހަދައިގެންނެވެ.
ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ބިމުގައި 14 ބުރީގެ ދެ ޓަވަރު ހަދާއިރު، އެތަނުގެ އެއް ޓަވަރުގައި ލަގްޒަރީ ފެންވަރުގެ 150 ގެސްޓް ކޮޓަރި ހުރެ އެވެ. އަދި ދެވަނަ ޓަވަރުގައި 150 އެޕާޓްމަންޓްގެ އިތުރުން ދެ ޓަވަރު ގުޅުވާލައިގެން ތިރީގައި ރީޓެއިލް މޯލެއް ވެސް ހަދަ އެވެ.
ބްރައުން ކުންފުނިން ބުނެފައި ވަނީ އެ މަޝްރޫއު ނިމުމުން، އެއީ މާލޭގައި އެންމެ ގިނަ ބަޔަކު ލޮލުގައި އަޅައިގަންނަ ތަރައްގީގެ އެއް މަޝްރޫއަށް ވާނެ ކަމަށެވެ.
ނަސަންދުރައިގެ އިތުރުން ބްރައުން ކުންފުނިން ބޮޑުފަރުފިނޮޅުގައި އެންމެ މަތީ ފެންވަރުގައި ހަދާ އެއް ރިސޯޓުގައި ހަ ކެޓަގަރީގެ 100 ވިލާ ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެތަނާ ޖެހިގެން އެ ފަޅުގައި ހަދާ އިތުރު ފަސް ހެކްޓަރުގެ ރިސޯޓުގައި ވެސް އެ ފެންވަރުގެ 100 ވިލާ ހުންނާނެ ކަމަށް ބްރައުން ކުންފުނިން ބުނެފައިވެ އެވެ.
ބްރައުން ކުންފުނިން ސްރީ ލަންކާގައި ވެސް ހަ ރިސޯޓެއް ހިންގަ އެވެ.
ނަސަންދުރަ ދިން ގޮތާ މެދު އޮޑިޓަ ޖެނެރަލް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އޮޑިޓަ ޖެނެރަލް ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ލާރިއެއް ނުދައްކައި، އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިންއިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފްސީލެއް ހިމަނާފައި ނުވާތީ އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދަނީ އެ އެއްބަސްވުން އުވާނުލައި، އަދި ބިޑް ކުރުމަކާ ނުލަ އެވެ.
އެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ތައްޔާރު ކުރެއްވި ހާއްސަ އޮޑިިޓްގައި ބުނެފައިވާ ގޮތުން ކުރިން ހިންގި ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 27، 2015 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލް ހިންގަން 50 އަހަރަށް ދޫކުރި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވެސް ދަނީ ބުނަމުންނެވެ. އަދި ގާނޫނާ ގަވައިދުތަކާ ހިލާފަށް ސަރުކާރުން ހަވާލުކޮށްފައިވާ ތަންތަނުގެ އެއްބަސްވުން، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު އިއްތިހާދަށް ކާމިޔާބު ވެއްޖެ ނަމަ އުވާލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަސަންދުރަ ތަރައްގީކޮށް ހިންގަން އެންއެޗްޕީ އިންވެސްޓްމަންޓަށް 50 އަހަރަށް ދޫކުރި މައްސަލާގައި ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން ވެސް އެންގި އެވެ. ނަމަވެސް ފަހުން އެ ނިންމުން ވަނީ ބާތިލް ކޮށްފަ އެވެ.