07 ސެޕްޓެމްބަރ 2018 - 07:27

އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް ނޯވޭއިން ހުށަހަޅާ ފިލްމަކަށް އިންޑިއާގެ އެކްޓަރަކު ހިމެނޭ ފިލްމެއް ހޮވައިފި އެވެ.
ނޯވޭ އިން އޮސްކާ އަށް ހުށަހަޅަން ނިންމި ފިލްމަކީ "އިންގްލިޝް ވިންގްލިޝް" އާއި "އެޖެންޓް ވިނޯދް" ފަދަ ފިލްމްތައް ކުޅެފައިވާ އާދިލް ހުސައިން މުހިއްމު ރޯލެއް ކުޅެފައިވާ "ވަޓް ވިލް ޕީޕަލް ސޭ" އެވެ.
މި ފިލްމަކީ އިރާމް ހައްގު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ޕާކިސްތާނުން ނޯވޭ އަށް ހިޖުރަކޮށްފައިވާ އާއިލާއެއްގެ އަންހެން ކުއްޖަކު ނޯވޭގެ ޒުވާނަކާ ލޯބީގެ ގޮތުން ގުޅުމުން ދިމާވާ ހާދިސާތަކެކެވެ.
"ވަޓް ވިލް ޕީޕަލް ސޭ" ގައި އާދިލް ކުޅުނު ރޯލަށް މިދިޔަ މަހު ބޭއްވި އެމެންޑާ އެވޯޑް (ނޯވޭގެ ނެޝަނަލް އެވޯޑް) ގައި ވަނީ އެންމެ މޮޅު ބަތަލުގެ އެވޯޑް ވެސް ލިބިފަ އެވެ.
މި ފިލްމް އޮސްކާގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ހުށަހަޅަން ނިންމުމުން އެކަން އާދިލް ވަނީ އޭނާގެ ފޭސްބުކްގައި ވެސް ހިއްސާކޮށް، އުފާ ފާޅުކޮށްފަ އެވެ. އާދިލް ބުނީ ފިލްމް އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް ނޮމިނޭޓް ވެސް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ވަޓް ވިޕް ޕީޕަލް ސޭ" ގެ ބަތަލާ އަދި ޕްރޮޑިއުސަރު މާރިއާ އެކަހޯޑް ބުނި ގޮތުގައި ފިލްމްގެ މަސައްކަތް ފެށި އިރު ވެސް މިއީ ހާއްސަ ފިލްމަކަށް ވާނެ ކަމުގެ އުންމީދު އޮތެވެ. އެހެންވެ އޮސްކާ އަށް ނޯވޭ އިން ހުށަހަޅާ ފިލްމަކަށް ފިލްމް ހޮވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.
"ވަޓް ވިލް ޕީޕަލް ސޭ" އަކީ މިދިޔަ އަހަރު ބޭއްވި ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާ ކުރި ފިލްމެކެވެ.
ފެބްރުއަރީ، 24، 2019 ގައި ބާއްވާ 91 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ހުށަހަޅާނެ ފިލްމްތައް ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އިންޑިއާ އިން ހުށަހަޅާނެ ފިލްމެއް އަދި ނުނިންމަ އެވެ.
މި އަހަރުގެ އޮސްކާ އަށް އެ ގައުމުން ހުށަހެޅި ރާޖްކުމާރް ރާއޯގެ "ނިއުޓަން" އެވެ. އެކަމަކު އެ ފިލްމް ނޮމިނޭޓެއް ނުވެ އެވެ.
ގިނަ އަދަދެއްގެ ފިލްމްތަކެއް ހުށަހެޅި ނަމަވެސް، ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ނޮމިނޭޓް ކުރާނީ އެންމެ ފާހަގަކޮށްލެވޭ 5 ފިލްމެވެ.