ޝާހިދު ކަޕޫރަށް މި ފަހަރު ފިރިހެން ކުއްޖެއް
ޝާހިދު ކަޕޫރަށް މި ފަހަރު ފިރިހެން ކުއްޖެއް

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތަށް ފިރިހެން ކުއްޖަކު އިއްޔެ ލިބިއްޖެ އެވެ.

މިއީ އެ ދެ މީހުންގެ ދެވަނަ ދަރިފުޅެވެ. ދެހާސް ފަނަރައިގައި ކައިވެނިކުރި ޝާހިދާއި މީރާ އަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. އެއީ މިހާރު އުމުރުން ދެ އަހަރުގެ މީޝާ ކަޕޫރެވެ.

އިއްޔެގެ ހަވީރުގެ ވަގުތެއްގައި މީރާ މުމްބާއީގައި ވިހެއުމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ޓްވިޓާ އާއި އިންސްޓަގްރާމުން ދެމަފިރިންނަށް މަރުހަބާ ކިޔައިފަ އެވެ.

މީރާ ދާދި ފަހުން ބުނި ގޮތުގައި މި ފަހަރު ދަރިފުޅަށް ކިޔާނީ އޭނާ ބޭނުންވާ ނަމެކެވެ. ސަބަބަކީ މީޝާ އަށް ނަން ދިނީ ޝާހިދު ކަމަށްވާތީ އެވެ.

ދެވަނަ ދަރިއަކު ލިބުނު އިރު، ޝާހިދު އަންނަނީ ތެލުގޫ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންގެ ޝޫޓިން މި މަހު ފަށަން ތައްޔާރުވަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އިންނެވެ.

ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީ މަހު ރިލީޒް ކުރި "ޕަދްމާވަތު" އެވެ.