އެއާޕޯޓްތަކުގައި އެންމެ ނުތާހިރީ ސެކިއުރިޓީ ޓްރޭ
އެއާޕޯޓްތަކުގައި އެންމެ ނުތާހިރީ ސެކިއުރިޓީ ޓްރޭ

އެއާޕޯޓްތަކުގައި އެންމެ ނުތާހިރުކަން ބޮޑުވެފައި، ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ސެކިއުރިޓީ ސްކޭން ކުރުމަށް އެއްޗެހި އަޅާ ޕްލާސްޓިކް ޓްރޭ އިން ކަމަށް އާ ހޯދުމަކުން ދައްކައިފި އެވެ.

ބަލި ފެތުރޭ ގޮތް ދެނެގަތުމަށް ތަޖުރިބާކާރުން ކުރި ދިރާސާއަކުން އެނގުނީ އެއާޕޯޓެއްގައި އެންމެ ގިނަ ވައިރަސް ހަރުލާފައި ހުންނަނީ މި ސެކިއުރިޓީ ޓްރޭތަކުގައި ކަމެވެ. އެގޮތުން ގިނަ އެއާޕޯޓްތަކުގެ ފާޚާނާ ވެސް މި ޓްރޭތަކަށް ވުރެ ތާހިރު ކަމަށް ބުނެފައިވެ އެވެ.

ޔުނިވަސިޓީ އޮފް ނޮޓިންހަމް އާއި ފިނިޝް ނެޝަނަލް އިންސްޓްޓިއުޓް ފޯ ހެލްތު އެންޑް ވެލްފެއާގެ މި ދިރާސާއަށް، އެއާޕޯޓެއްގައި، ފަސިންޖަރުން އެންމެ ގިނައިން އަތްލައި އުޅޭ ތަންތަނުން ސާމްޕަލް ނެގި އެވެ. މިގޮތަށް ސާމްޕަލް ނެގި ހުރިހާ އެއްޗެހީގެ 10 ޕަސެންޓަކީ ވައިރަސް ހުރި އެއްޗިއްސެވެ. މީގެ ތެރެއިން އެންމެ ގިނަ ވައިރަސް ހުރީ ސެކިއުރިޓީ އަށް ފާސްކުރާ ތަކެތި އަޅާ ޕްލާސްޓިކް ޓްރޭގަ އެވެ.

ބަލި ޖައްސާ އެކި ވައްތަރުގެ ބެކްޓީރިއާ، ފިހާރަތަކުގެ ކާޑް ރީޑާތަކުންނާއި ޕާސްޕޯޓް ޗެކިން ކައުންޓަރުތަކުންނާއި ސިޑިތަކުން އަދި ކުޑަކުދިން ކުޅެން ހާއްސަކޮށްފައިވާ ތަންތަނުން ފެނުނެވެ. އަދި އެއާޕޯޓްގެ ވައިގެ ތެރޭގައި ވެސް ނުރައްކާތެރި ބެކްޓީރިއާ އުޅޭކަން ދިރާސާއިން ހާމަވި އެވެ.

ހެދި ޓެސްޓްތަކުން ދެއްކީ އެއާޕޯޓްތަކުގައި އެންމެ އާންމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްކަމެވެ. އަދި ފްލޫ ވައިރަސް ވެސް ވަރަށް އާންމެވެ.