08 ސެޕްޓެމްބަރ 2018 - 11:26

އިންޑިއާގައި ވެބް ސީރީޒް ހަދަން އަރާފައިވާ ފޯރި އާއި އެފަދަ އުފެއްދުންތަކަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު ޑައިރެކްޓަރު ނިކިލް އަދްވާނީ ވެސް ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފަ އެވެ.

އޭނާ މި ސީރީޒަކީ އިންޑިއާގައި މޮގުލްގެ ރަސްކަން އޮތް ދުވަސްވަރުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ މަޝްހޫރު ލިޔުންތެރިޔާ އެލެކްސް ރުދަފުޑް ލިޔެފައިވާ "އެމްޕަޔާ އޮފް ދަ މޮގުލް" އަށެވެ. މިއީ މޮގުލްގެ ރަސްކަމުގެ އެރުމާއި ވެއްޓުން ކިޔައި ދިން، ހަ ބަޔަކަށް އެކުލެވޭ ވާހަކައެކެވެ.
ނަމަވެސް ނިކިލްގެ ވެބް ސީރީޒަށް ދީފައިވާ ނަން އަދި އިއުލާނެއް ނުކުރެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޝަބާނާ އަޒްމީ، ރޯނިތު (ބަޖާޖް) ރޯއި އަދި ދިއާ މިރްޒާ ހިމެނެ އެވެ.
ވެބް ސީރީޒްގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ޖެއިޕޫރްގައި ނިންމާލައި ކާސްޓާއި ކްރޫ މި ވަގުތު ތިބީ ކަރްޖަތުގަ އެވެ.
ނިކިލް ބުނި ގޮތުގައި އިންޑިއާގެ ތާރީހީ ރަސްކަމެއްގެ ޒަމާނުގެ ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން މަގުފަހިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި މި ވެބް ސީރީޒުން ބެލުންތެރިން މާޒީގެ މުހިއްމު ސޮފުހާތަކެއްގެ ތެރެއަށް ގެންގޮސް ދޭނެ ކަމަށް ބުންޏެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމް "ކަލް ހޯ ނަހޯ" އިން 2003 ވަނަ އަހަރު ޑައިރެކްޝަނަށް ނުކުތް ނިކިލް، 47، މި ފަހުން ގެނެސް ދިން އެއްވެސް ފިލްމެއް ބެލުންތެރިންނަށް އެހާ ކަމުގޮސްފައެއް ނެތެވެ. އޭގެ ތެރޭގައި "ކައްޓީ ބައްޓީ" އާއި "ހީރޯ" ގެ އިތުރުން "ޑީ ޑޭ" ހިމެނެ އެވެ.
އޭނާ ދެން ޑައިރެކްޓްކޮށް، ބޮޑު ސްކްރީނަށް ގެނެސް ދޭނީ ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ "ބަތުލާ ހައުސް" އެވެ. އެ ފިލްމްގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.