ދަރިފުޅުގެ އެކުވެރިޔާ
ދަރިފުޅުގެ އެކުވެރިޔާ

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"ކީއްވެ ފިރިމީހާއަށް ނުގޮވީ؟" ޒުބޭރު ސުވާލުކުރިއެވެ.

ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. ފާޚާނައިގެ އެތެރެއަށް ވަންނަމުން ފަޔާޒަށް ގޮވީމެވެ.

"އޭ އަވަހަށް ތެދުވޭ،" އަހަރެން ބުނީމެވެ. "ވެހިގެންފިއްޔާ ހިޔެއްނުވޭ ހުއްޓާލާނެހެނެއް."

ފަޔާޒް ތެދުވިތޯއެއް އަހަރެން ނުބަލަމެވެ. ހިތަށްއެރިއެވެ. އެހާ އަނދިރިކޮށް އޮތްއިރު ވެސް ވައިނުޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެ ވަރުން ވެސް އުޑުމައްޗަށް ބަލައިލާކަށް ހިތަކަށްނާރައެވެ. އެ ވަގުތު ކޮޓަރީގެ ކަބަޑު ލެއްޕި އަޑު އިވުނެވެ.

"ނެތް ދޯ ކުޑައެއް؟" އަހަރެން ސުވާލުކުރީމެވެ.

"އެބަ އަންނަން." ފަޔާޒް ބުނި އަޑު އިވުނީ އެހެންނެވެ.

އަހަރެން ނުލައި ފަޔާޒް އެ ގަޑީގައި ދާން އޮންނާނީ ކޮންތަނެއް ހެއްޔެވެ؟ ދޮރު ހުޅުވި އަޑާއި ލެއްޕި އަޑު ވެސް އިވުނެވެ. އަހަރެން އަވަސްކޮށްލައިގެން ނުކުމެފައި ދޮރު ހުޅުވަން ދަނިކޮށް، އެނދުމަތީގައި އޮތް ފޮތިގަނޑަށް ދިރުމެއް އައިހެން ހީވިއެވެ. ބަލައިލިއިރު ފަޔާޒް އޮތީ ނިދައިފައެވެ. ކޮޓަރީގެ ތަޅުދަނޑި މޭޒުމަތީގައި އޮތެވެ. އެ ވީ ގޮތް ނޭނގިގެން ހުއްޓުން އަރައިފައި ހުއްޓައި ފަޔާޒް ލޯ ހުޅުވައިލިއެވެ. އަހަރެން ފެނުމުން ގަޑި ބަލައިލިއެވެ.

"ހަޔެއް ޖަހައިފި!" ފަޔާޒް ބުނެލިއެވެ. "ކީއްވެ މަށަށް ނުގޮވީ؟"

ފަޔާޒް ތެދުވިއެވެ. ފާޚާނާއަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް އިވުނީ ރުކަކުން ކާށިތަކެއް ފައިބަތްގަތް ކަހަލަ އަޑުފައްގަނޑެކެވެ. އަހަރުމެން ދެ މީހުން އެކަކުއަނެކަކަށް ބަލައިލެވުނެވެ. ކޮޓަރީގެ ދޮރުފޮތިގަނޑު ކުޑަކޮށް ކަހައިލައިފައި ބޭރު ބަލައިލީމެވެ. ދިއްލާފައި ހުރި ބޮކީގެ އަލިކަން ފިޔަވައި އެއްވެސް އަލިކަމެއްނެތެވެ. އަހަންނަށް ވުރެ ކުރިން ފަޔާޒް ގޮސް ގަޑި ބަލައިލިއެވެ. ގަޑިން ދަންވަރު ދެގަޑި ބައެވެ. އެ ވަގުތު ގަޑީގެ ކަށިތައް ހުންނާނީ ހައެއްޖަހާއިރު ކަށިތައް ހުންނަ ގޮތާ ކައިރި ކުރާ ގޮތަކަށް ވެސް ނޫނެވެ. ވީއިރު، ހައެއްޖަހަނިކޮށް އަހަރުމެން ދެ މީހުންނަށް ފެނުނީ ކިހިނެއް ހެއްޔެވެ؟

"މާތްކަލާކޯ!" އަހަންނަށް ބުނެވުނެވެ. "އަދި ކިރިޔާ ދެގަޑި ބައި ވީ."

"ސާބަސް!" ޗޮކެއް ކަނޑައިފައި ފަޔާޒް ބުނެލިއެވެ. "ނުބައިކޮށްނު ގަޑި ބަލައިގެން ތި އުޅެނީ."

ފަޔާޒް އެހެން ބުނި ނަމަވެސް، އޭނަ ވެސް ގަޑިބެލިކަން އަހަންނަށް އެނގެއެވެ. ބައެއް ކަންތައްތައް ވުމުން، އެ ކަން އެއީ ނުވާ ކަމަކަށް ހަދަން ބޭނުންވެއެވެ. އެ ނޫން ގޮތަކުން ހިތަށް ހަމަޖެހުމެއް ނުލިބޭނެތީއެވެ. އަހަރެން ވެސް ކަންތައް ކުރީ އެހެންނެވެ. އަހަންނަށް ނުބައިކޮށް ގަޑި ބުނެވުނީކަމަށް ހެދިގެން ހުރީއެވެ. ދެ މީހުންކުރެ އެކަކަށް ވެސް އެ ރެއަކު ނުނިދުނެވެ. ވީ ގޮތް އަހަރުމެންނަށް ނޭނގޭތީއެވެ. އަހަރުމެން ދެ މީހުން ވެސް ގަޑި ބެލީ ރަނގަޅަށެވެ.

ހެނދުނު ސައިބޯން ރެސްޓޯރަންޓަން ދިޔައީމެވެ. އެ ތަނުގައި އަހަރެން ދަންނަ މީހުން އުޅުނެވެ. ކަންތައް ހިނގައިދިޔަ ގޮތް އެ މީހުން ގާތުގައި ބުނީމެވެ. އެކަކަވެސް ހައިރާނެއް ނުވެއެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ މެހުމާނުން ވެސް އެ ޝަކުވާ ކުރާތީއެވެ. ގަޑި އޮޅިގެން ނުކުތް މެހުމާނުންގެ ތެރެއިން އެކަކު މޮޔަވިކަން ވެސް އަހަންނަށް އެނގުނެވެ.

އަހަރެން ދެއްކި ވާހަކަ ކަނުލާ އަޑުއަހަން އިން ޒުބޭރު ބޯޖަހައިލިއެވެ.

"ނަސީބެއް ނުނިކުތްކަން،" ޒުބޭރު ވެސް ބުންޏެވެ. "ނަސީބެއް ފަހުން ނުނިދިކަން ވެސް. އެ ކަހަލަ ކަމެއް ވެއްޖެއްޔާ އެ ރޭ ދެން ނުވާނެ ނިދާކަށް. އަސްލުގަ މޫދުން އެ ފެނުނީ މަޑިއެއް ނޫނޭ. މަޑިއެއްގެ ސިފަޖެހިގެން އޮތް އެހެން އެއްޗެއް. ފަހުން ވަރަށް ގިނައިން މޫދަށް ދިޔައިން ދޯ؟"

އަހަރެން އެއްބަސްވީމެވެ. ބަނޑަށް ހަތް މަހުގައި އަހަރުމެން އުޅުނީ ދާލު އަތޮޅުގައެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މަހަށް ދަމެވެ. ފަޔާޒަކީ މަސްބާނަން ވަރަށް ފޯރި ހުންނަ މީހެކެވެ. އަހަރުމެން ތިބި ރަށުގައި ވަރަށް ދިގު ފާލަމެއް އޮވެއެވެ. އެ ތަނަށް ދަނީ ކުޑަ ގޮނޑިއެއް ވެސް ހިފައިގެންނެވެ. ފަޔާޒް ގެންގުޅެނީ ކަންވާރެކެވެ. ދޮށި އޮންނަނީ އަހަރެން އަތުގައެވެ. އަހަރުމެން ތިބެނީ ފާލަންކޮޅުގައެވެ. ހަނދުވަރު ދޭ ރޭރޭ ވަރަށް ގިނައިން މަސްބޭނެއެވެ. ގިނަ ރޭރޭ ފަޔާޒަށް ވުރެ ގިނައިން އަހަރެން މަސްބާނަމެވެ. އަހަންނަށް އެ ކަން ވަރަށް މަޖައެވެ. ކުރާހިތްވެއެވެ. އެހެންނަމަވެސް، ފަޔާޒްގެ މާމައަށް އެ ކަން ކަމަކުނުދިޔައެވެ.

"ތިހާ ބަނޑުބޮޑުއިރު ދަރިފުޅު ނުވާނެ ކޮންމެ ރެއަކު މަހަށް ދާކަށް،" މާމަ ނަޞޭޙަތްދިނެވެ. "މާބަނޑުއިރު ވަރަށް ފަސޭހައިން އެއްޗެހި އަވަލަވާނެ."

މަދު ރެއަކު ހަނދާން ނެތުނަސް، ގިނަ ރޭރޭ އަހަރެން ދަނީ ކިޔަންވާ އެއްޗެހި ކިޔައިގެންނެވެ. މަސްބާނަން އިންނައިރު، މޫދުން އެކި މަންޒަރުތައް ފެނެއެވެ. މަހެއް ފުންމައިލަފާނެއެވެ. ކޮރަކަލިތައް ފުންމައިގަންނަ ތަން ވެސް ފެނެއެވެ. ބޮޑެތި ބާނިތަކާއި، ކޯޗެއްކަން ނޭނގޭ އެއްޗެހި، ދެ ފެން ދޭތެރޭގައި އޮވެގެން އޮޔާދާ ތަން ވެސް ފެނެއެވެ. އެއް ރެއަކު ފާލަންމައްޗަށް އަރައިގެން އަހަރުމެން ފާލަންކޮޅަށް ދިޔައިރު، އަހަރުމެންނާ އެއްވަރަށް މޫދު ކިލަނބުވަމުންދިޔައެވެ. ހީވަނީ ވެލިގަނޑު ތެރޭގައި މަޑިއެއް އުޅޭހެންނެވެ. އެ މަޑި އަހަރުމެންނާ އެކުގައި ދާހެންނެވެ.

"މި ރޭ ހާދަހާ މަޑިއެކޭ ދޯ މި އުޅެނީ؟" ފަޔާޒް ބުނެލިއެވެ. "ނުދާނަން ފާލަމުގެ ކޮޅަކަށް. މި ތާނގަ ތިބޭނީ."

އަހަރުމެން މަޑުކުރީ ފާލަމުގެ ކޮޅާ ހައެއްކަ ފޫޓު ދުރަށެވެ. ދޮށި އެއްލީ ފާލަމުގެ އަރިމަތިން މޫދަށެވެ. އެ ތަނުގައި ތިބެގެން މަހެއް ނުބޭނިގެން އެންމެ ފަހުން ފާލަމުގެ ކޮޅަށް ފަޔާޒް ނަނު އެއްލިއެވެ. ކަންވާރު އޮޅައިފައިވާ ފުޅިގަނޑު ހިފައިގެން ފަޔާޒް އިނީ އަހަރެން ގާތުގައެވެ. އެ ރެއަކީ، އާދަޔާ ޚިލާފަށް މޫދުގައި އަޑުފައްގަނޑު ގަދަ ރެއެކެވެ. އަޑުން ހީވަނީ، ދުރުގައި ހުރެފައި މީހަކު ގާކޮޅެއް އެއްލާހެންނެވެ. ބައެއްފަހަރު ގާކޮޅުގެ ސައިޒު ބޮޑުވާހެން ވެސް ހީވެއެވެ. އެހެން ތިއްބާ، ފަޔާޒްގެ ނަނުގައި ކުއްލިއަކަށް އެއްޗެއް ގަތެވެ.

"ވަރުގަދަ އެއްޗެއް!" ފަޔާޒް ބުނެލިއެވެ.

ފަޔާޒް މަސްބާނާ ތަން ކިތަންމެ ރެއަކު އަހަރެން ދެކެވެ. އެ ރެއަކީ، އެހެން ހުރިހާ ރެއަކާ ތަފާތު ރެއެކެވެ. ވާންކޮށްފައި އޮތް ވަރުން އަހަރެން ހީކުރީ ބުޅިކަނޑައިލައިފައި މަސް ރައްކާވާނެކަމަށެވެ. ނަނުގެ ކޮޅު އޮތީ ފާލަމުގެ ކޮޅާދިމާ މޫދުގައެވެ.

"އެ ރައްކާވީ!" ނުތަނަވަސްކަމާ އެކުގައި ފަޔާޒް ބުންޏެވެ. "ނޫނޭ! އެބަ އޮތް. ނޫނޭ! ނެތް!"

ދެ ފިކުރެއްގައި ހުރެގެން ފަޔާޒް ނަނު ދަމަންފެށިއެވެ. އޭނަގެ އަތަށް ލުޔެވެ. އެކަމަކު، ހުސްބުޅިހެނެއް ފަޔާޒަކަށް ހިއެއްނުވެއެވެ. ކުއްލިއަކަށް ފާލަންކޮޅުން އެރިތަން އަހަންނަށް ފެނުނީ މުރަކަގަނޑެކެވެ. އާންމުކޮށް މުރަކައަކީ ގަހެއްގެ ގޮފިގަނޑެއްހެން އޮންނަ އެއްޗެކެވެ. ފަޔާޒަށް "ބޭނުނު" މުރަކަގަނޑު ހީވަނީ، އެއްޗެއްގެ ވަށައިގެން ފަލަ ކަށިތަކެއް ފަޅައިފައި އޮތްހެންނެވެ. އެއްވެސް ތަރުތީބެއް ނެތި އެގޮތްމިގޮތަށެވެ. އެ ވަރުގެ މުރަކަގަނޑެއް ފަޔާޒް އެކަންޏެއް ނުދެމޭނެއެވެ. އެހާ ލުއިކޮށް ފާލަންމައްޗަކަށް ނުވެސް އެރުވޭނެއެވެ. ފާލަމަށް އެރުވުމުގެ ކުރިން ފާލަމުގައި އަޅައިގަންނަން ވެސް ޖެހޭނެއެވެ. ސިކުންތެއް ވެސް ނުވަނީސް އެ މުރަކަގަނޑު މޫދަށް ވެއްޓުނެވެ. ވެއްޓުނު އަޑުން ހީވަނީ ބޮޑު ގަލެއް ވައްޓައިލިހެންނެވެ. އެ އަޑާއެކު ވައި ގަދަވާން ފެށިއެވެ. ނުލާހިކު ރީތިކޮށް އޮތް އުޑުމައްޗަށް ފުސްވިލާ ޖަމާވާން ފެށިއެވެ. ރާޅު ބޮޑުވިއެވެ. އަހަރުމެން ޖެހުނީ މަސްވެރިކަން އެ ރެޔަށް ނިންމާލާށެވެ.

"ނަސީބެއް އެ ސޮރު މޫދަށް ފުންމާލިކަން،" އަހަރެންގެ ވާހަކަ މެދުކަނޑައިލައިފައި ޒުބޭރު ބުންޏެވެ. "އެކަމަކު އޭގެ ހަސްކާ ދައްކާލާނެ."

އަހަރެން ކިޔައިދޭން ފެށީމެވެ. އެ ރޭ ވަރަށް އަރާމުގައި އަހަންނަށް ނިދުނެވެ. ޖެހިގެން އައި ދުވަހު އަހަންނަކަށް އެނދަކުން ނުތެދުވުނެވެ. ބާލީހުން ބޯ ހިއްލައިލިޔަސް ހީވަނީ ދުނިޔެ ނުވަތަށް އެނބުރިގަންނަހެންނެވެ. ނުރިއްސާ އެންމެ ތަންކޮޅެއް ވެސް ބޮލަކު ނެތެވެ. ނަސީބަކުން ފަޔާޒަކަށް އެ ކަހަލަ އެއްވެސް ކަމެއް ނުވެއެވެ. އަހަރެން ޞިއްޙީމަރުކަޒަށް ގެންދިޔަ ގޮތެއް ނޭނގެއެވެ. އެ ދުވަހު އަހަރެން ބޮލުގައި އެޅި ވޭން ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ޑޮކްޓަރު ބެލިއިރު އަހަރެންގެ ލޭގެ ޕްރެޝަރު ހުރީ ހަތެއް ޕޮއިންޓު ފަހެއްގައެވެ. އެއީ، ދުވަހަކު ވެސް ދަށަށް ނުދާ ވަރެކެވެ. އަހަންނަކީ ޕްރެޝަރުގެ މައްސަލަ ޖެހޭ މީހެއް ވެސް ނޫނެވެ. ޑޮކްޓަރުގެ ލަފާގެމަތިން އިމަޖެންސީކޮށް މާލެއައީމެވެ. މާލެއިން ވެސް ބުނީ މައްސަލަ ވަރަށް ސީރިޔަސްކަމުގައެވެ. އޭގެ ފަހަކުން ވެސް އަހަރެންގެ ޕްރެޝަރުގެ އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެކަމަކު، ބަނޑަށް ހުންނަނީ ފާޑެއްގެ އުނދަގުލެއް ވެފައެވެ. ހީވަނީ ބަނޑުގެ ވަކި ތަންކޮޅެއްގައި އެއްޗެއް ހިފައިފައި ހުންނަހެންނެވެ. ކިރިޔާ ވެސް ލުޔެއް ލިބެނީ މަސްކެއީމައެވެ. ދަރިފުޅު ވިހެއުމުން ވެސް އެ އުނދަގޫ އެއްކޮށެއް ނުފިލިއެވެ. މުޅީން ހަމައަކަށް އެޅުނީ އޭނަގެ ބަނޑުގެ އޮޕަރޭޝަނަށް ފަހުގައެވެ.

"ހުރިހާ ކަމެއް ނިމިފައޮއްވާ އަލުންބަލުން މި ކޮއްކޮއެއްގެ ކަންތައް މި ޖެހުނީ،" ކިޔައިދީ ނިންމައިލަމުން އަހަރެން ބުނީމެވެ. "މަގޭ ވާހަކައަކީ ދަންވަރު ވަގުތު ހައެއްޖެހިހެން ހީވުމާ، ކަނޑުން އެރި މުރަކަގަނޑާ، ދަރިފުޅުގެ ބަނޑުން ނެގުނު އެތީގެ މާނައަކީ ކޮބައިހޭ؟"

މުޅި ގެއިން ކަރަންޓުދިޔައެވެ. އުއްބައްތި ދިއްލީމެވެ. މަންމަ ދިޔައީ އެހެން ބައްތިތައް ހިފައިގެން ގޭގެ އެހެން ކޮޓަރިތަކުގައި ބަހައްޓާށެވެ. ޒުބޭރާއި އަހަރެން އެކަނިވި ދަނޑިވަޅެކެވެ.

"އެކަކަށް ވެސް ހުރިހާ ސުވާލެއްގެ ޖަވާބެއް ނުދެވޭނެ،" ޒުބޭރު ބުންޏެވެ. "މިހާރު ތި އަންނަ ކޮއްކޮއަކީ، ކަނޑުގެ އަހުލުވެރިއެއްގެ ދަރިއެއް. ބައެއް މައިން ބޭނުމެއް ނުވޭ އެ މީހުން ނުގަބޫލު މީހަކާ ދަރިފުޅު ކައިވެނިކުރާކަށް. ކޮށްފިއްޔާ ދެން ބޭނުންވާނީ ދުރުކުރަން. ދެން ހެދޭނީ ގޯސް. ނަތީޖާ ތި ފެންނަނީ. އަޅާލާނެކަމެއް ނެތް. ތި ކޮއްކޮ ނުކުރާނެ ގޯނާއެއް."

މިހާރު ވެސް މަދުމަދުން ކޮއްކޮ އާދެއެވެ. ގޯނާއެއް ނުކުރެއެވެ. މަނާރަތާއި ކޮއްކޮއާ ދެމެދުގައި އޮންނަނީ ވަރަށް ފުން ގުޅުމެކެވެ. އަޖައިބެއް ކަހަލަ އެކުވެރިކަމެކެވެ. އެ ކަން ބަލައިގަންނަން އަހަންނަށް މިހާރު މި ދަނީ ދަސްކުރަމުންނެވެ. މިއީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ