ސަން އޮންލައިނާއި ސަން ޓީވީ ހުއްޓާލަން ނިންމައިފި
ސަން އޮންލައިނާއި ސަން ޓީވީ ހުއްޓާލަން ނިންމައިފި

ސަން މީޑިއާގެ ދަށުން ހިންގަމުން އަންނަ "ސަން އޮންލައިން" އާއި ސަން ޓީވީ" އަދި "ސަން އެފްއެމް" ވަގުތީ ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ. މީގެ ތެރެއިން ސަން އެފްއެެމް ވަނީ މިދިޔަ މޭ މަހުން ފެށިގެން ހުއްޓާލައިފަ އެވެ.

ސަން މީޑިއާއިން ބުނީ އެ ގޮތަށް ނިންމީ ސަން އޮންލައިނާއި ސަން ޓީވީ އާއި ސަން އެފްއެމްގެ ޚިދުމަތުގެ ފެންވަރާއި ކޮންޓެންޓް ރަނގަޅު ކުރުމަށްޓަކައި ރީބްރޭންޑް ކުރަން ބޭނުންވާތީ ކަމަށެވެ. އެހެންވެ އެކަމަށް ވަގުތު ބޭނުންވާތީ އެ މީޑިއާތައް މިވަގުތަށް ހުއްޓާލަން ނިންމީ ކަމަށް ސަން މީޑިއާއިން ބުނެ އެވެ.

ސަން އޮންލައިނާއި ސަން ޓީވީ ހުއްޓާލުމުގެ ކުރިން، އެއާ ގުޅޭ ނޯޓިސް ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކަށް ސަން މީޑިއާއިން މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ، ސަން ޓީވީ ވަގުތީ ގޮތުން ހުއްޓާލަން ސަން މީޑިއާއިން ބޭނުންވެގެން އެކަމުގެ ނޯޓިސް އެ ކޮމިޝަނަށް އިއްޔެ ފޮނުވާފައިވާތީ، އެކަމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް މެދުކަނޑާލަން ބޭނުން ނަމަ، އެކަމަށް ކަނޑައަޅާފައިވާ ތާރީޚުގެ މަދުވެގެން 15 ދުވަހުގެ ނޯޓިހެއް ބްރޯޑްކާސްޓިން ކޮމިޝަނަށް އެ މީޑިއާއަކުން ދިނުމަށް ގާނޫނުން ލާޒިމްކުރެ އެވެ. އެހެންވެ، ސަން ޓީވީ ހުއްޓާލުމުގެ މުއްދަތެއް ކަމަށް ކަނޑައަޅާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެނެވެ.

ސަން ޓީވީ ވަގުތީ ގޮތުން ހުއްޓާލަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 3 ގެ ނިޔަލަށެވެ.

ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިންގަވާ ތިން މީޑިއާ ހުއްޓާލަން ނިންމިއިރު، އޭނާ އާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ރައީސް ޔާމީން ވިދާޅުވަނީ އެމްޑީއޭ އަދިވެސް ދެމިއޮތީ ސަރުކާރު އަދި ޕީޕީއެމާ އެކު ކަމަށެވެ. އެކަމަކު އެމްޑީއޭ އިން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ސިޔާމް ދާދި ފަހުން އެ ޕާޓީ ހިންގެވުމުން ފެއަށް ޖެހިވަޑައިގެން އެ މަސްއޫލިއްޔަތު އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފްއާ ހަވާލުކުރައްވައިފަ އެވެ.