05 ސެޕްޓެމްބަރ 2018 - 15:31

މިމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދޭނެ ގޮތުގެ މައުލޫމާތު އާންމު ކުރުމަށް ދެ ބްރޯޑްކާސްޓަރަކަށް ބްރޯޑްކާސްޓިިން ކޮމިޝަނުން އަންގައިފި އެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ދޭނެ މިންވަރާއި ވަގުތު ވިއްކާ ނަމަ އޭގެ އަގުތައް އާންމުކޮށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވުމަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ އުސޫލުގެ ދަށުން ސިޔާސީ ޚަބަރުތަކާއި މައުލޫމާތު ގެނެސްދޭ ބްރޯޑްކާސްޓަރުންނަށް ލާޒިމް ކަމެކެވެ.
އެ އުސޫލާ އެއްގޮތަށް އެ މައުލޫމާތު އާންމު ނުކުރާ ކަމަށް ބުނެ ނުވަ ބްރޯޑްކާސްޓަރެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި އެވެ. އެ މައްސަލަތައް ބެލުމަށް ފަހު، ކެންޑިޑޭޓުންނަށް ވަގުތު ދޭނެ ގޮތާއި އަގުތައް އާންމު ކުރުމަށް މިދިޔަ ހޯމަ ދުވަހު އެންގީ ޗެނަލް 13 އާއި ސަންގު ޓީވީއަށެވެ.
ބާކީ ތިބި ބްރޯޑްކާސްޓަރުންގެ ތެރެއިން ހަ ބްރޯޑްކާސްޓަރަކު އެ މައުލޫމާތު އާންމުކޮށް، ކޮމިޝަނަށް ފޮނުވާފައިވާތީ އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ހަތަރު ޗެނަލަކާއި ރާއްޖެ ޓީވީ ވެސް ހިމެނެ އެވެ. އަދި އެއް ޗެނަލަކީ ސިޔާސީ ޚަބަރު ގެނެސްދޭ ޗެނަލެއް ކަމަށް ނުވާތީ އެ ބްރޯޑްކާސްޓަރުގެ މައްސަލަ އެ އުސޫލުގެ ދަށުން ބެލެން ނެތް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ދިނުމާ ބެހޭ އުސޫލުގެ ދަށުން ފޮނުވަންޖެހޭ މައުލޫމާތުތައް ނުފޮނުވައިފި ނަމަ ނުވަތަ އެ އުސޫލާ ޚިލާފަށް ބްރޯޑްކާސްޓަރަކު އަމަލުކޮށްފި ނަމަ އެކަމެއް ރަނގަޅު ކުރަން އެންގުމާއި އިންޒާރު ދިނުމާއި ޕްރޮގްރާމް ޝެޑިއުލް އިން ވަކި ކަމެއް އުނިކުރަން އެންގުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް އޮވެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.