05 ސެޕްޓެމްބަރ 2018 - 15:11

ހައިދަރުއާބާދު (ސެޕްޓެމްބަރު 5) - ހައިދަރުއާބާދުގެ ކުރީގެ ޝާހީ އާއިލާއަކުން ބޭނުން ކުރި ރަނުގެ ލަންޗްބޮކްސްއެއް ވަގަށް ނަގައިފި އެވެ.

ވަގުން ވަނީ ޖަވާހިރަކާއި ރަނުގެ ސައިބޯ ޖޯޑަކާއި ވަތު ތައްޓަކާއި ސަމުސަލެއް ވެސް ވަގަށް ނަގައިފަ އެވެ. އެ ތަކެތީގެ އަގު ހަތް މިލިއަން ޑޮލަރަށް އަރަ އެވެ. އެ ތަކެތި ނިސްބަތް ވަނީ ހައިދަރުއާބާދުގެ ކުރީގެ ރަސްގެފާން މީރް އުސްމާން އަލީ ޚާން އަށެވެ.
ވައްކަން ކުރިކަން އެނގިފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ރަނުގެ ތަކެތި ބަހައްޓާފައި ހުރީ ރަސްގެފާން ދިރިއުޅުއްވި ގަނޑުވަރުގަ އެވެ. އެއީ މިހާރު ދާރުލްއާސާރެކެވެ. ފުލުހުން ލަފާކުރަނީ އެ ވައްކަމުގައި ދެ މީހަކު ބައިވެރިވެފައިވާ ކަމަށެވެ.
ހިންދުސްތާން ޓައިމްސް އަށް ފުލުހުން ބުނީ ވަގުން ވަނީ ދާރުލްއާސާރުގެ ސީސީޓީވީ ކެމެރާތަކަށް ވެސް ހުރަސް އަޅާފައި ކަމަށެވެ. އެހެންވެ އެ ވައްކަން ކުރި މަންޒަރު ސީސީޓީވީ އަށް ރެކޯޑް ކުރެވިފައެއް ނެތެވެ.