"އަ ކްއައިޓް ޕްލޭސް 2" ޖޯން ކްރެސިންސްކީ ޑައިރެކްޓެއް ނުކުރާނެ
"އަ ކްއައިޓް ޕްލޭސް 2" ޖޯން ކްރެސިންސްކީ ޑައިރެކްޓެއް ނުކުރާނެ

މި އަހަރު ރިލީޒް ކުރި ކާމިޔާބު ބިރުވެރި ފިލްމް "އަ ކްއައިޓް ޕްލޭސް" ގެ ދެވަނަ ބައި ޑައިރެކްޓް ނުކުރާނެ ކަމަށް ފުރަތަމަ ބައި ޑައިރެކްޓްކޮށް އޭގައި މުހިއްމު ރޯލެއް ވެސް ކުޅުނު ޖޯން ކްރެސިންސްކީ ބުނެފި އެވެ.

ދި އިންޑެޕެންޑެންޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބޭނުންވަނީ އެހެން މީހަކު އެ ފިލްމް ޑައިރެކްޓްކުރަން ކަމަށެވެ. "އަ ކްއައިޓް ޕްލޭސް" ގެ ދެވަނަ ބައި މެއި، 15، 2020 ގައި ސިނަމާތަކަށް ގެންނަން ޕެރަމައުންޓް ޕިކްޗާޒުން ވަނީ މިހާރު އިއުލާން ވެސްކޮށްފަ އެވެ.

ޖޯން ބުނި ގޮތުގައި "އަ ކްއައިޓް ޕްލޭސް" ގެ ދެވަނަ ބައި އެހެން ޑައިރެކްޓަރެއްގެ ނަޒަރިއްޔާތުން ގެނެސް ދިނުމަކީ ފިލްމަށް ލިބޭނެ އިތުރު ކުރިއެރުމެކެވެ.

"އަހަރެން މި ފަހަރު ފިލްމް ޑައިރެކްޓެއް ނުކުރާނަން. އަދި މީގެ ދެވަނަ ބައެއް ގެނެސް ދޭން ޕެރަމައުންޓުން ނިންމީތީ އެކަމާ އުފާ ވެސް ކުރަން،" ބްރީފް އިންޓަވިއުސް ވިތު ހައިޑިއަސް މެންގެ ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދެވަނަ ބައިގެ ވާހަކަ ކުރީގެ ބަޔާ ތަފާތުވުމަކީ ވެސް ފިލްމަށް ލިބޭނެ އިތުރު ފުރިހަމަ ކަމަކަށް ވާނެ އެވެ.

މިދިޔަ އެޕްރީލް މަހު ނެރުނު "ކްއައިޓް ޕްލޭސް" އަށް ބޮކްސް އޮފީހުގައި 332.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމް ހަދަން ހޭދަ ކުރީ އެންމެ 21 މިލިއަން ޑޮލަރެވެ.

"އަ ކްއައިޓް ޕްލޭސް" ގެ ކާސްޓުންގެ ތެރޭގައި އެމިލީ ބްލަންޓް، ނޮއާ ޖޫޕް އަދި މިލިސެންޓް ސައިމަންޑްސް ހިމެނެ އެވެ.