ހެންރީ ކެވިލް 8 އަހަރަށް ފަހު ސީރީޒަކަށް
ހެންރީ ކެވިލް 8 އަހަރަށް ފަހު ސީރީޒަކަށް

މީގެ ކުރިން ޝޯޓައިމްގެ ސީރީޒްގެ ދަ ޓިއުޑޯ (2010) ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް ނެޓްފްލިކްސްގެ ފެންޓަސީ ސީރީޒަކަށް ސޮއިކޮށްފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު "ދަ މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލް ކުޅުނު އެކްޓަރު ލީޑް ރޯލުން ފެނިގެންދާނެ ސީރީޒަކީ ޕޮލަންޑްގެ ލިޔުންތެރިޔާ އެންދްރޭ ސަޕޮސްކީ 1980 ގައި ފެށި ވާހަކަ ސީރީޒް "ދަ ވިޗާ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މި ސީރިޒްގެ ދަށުން އެންމެ ފަހުން ކިޔުންތެރިންނަށް ދޫކޮށްލީ 2013 ގެ "ސީޒަން އޮފް ސްޓޯމްސް" އެވެ.

އަށް އެޕިސޯޑްގެ މައްޗަށް ގެނެސްދޭ ހެންރީގެ ސީރީޒްގެ ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަލީ ސަހަރޯވް އާއި ގާޝިއާ ލޮޕޭޒްގެ އިތުރުން ޗާލޮޓް ބްރެންޑްސްޓޯމް އެވެ.

ނަމަވެސް "ދަ ވިޗާ" ގެ ޝޫޓިން ފަށާނެ އިރަކާއި މީގެ އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ސީރީޒް ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހެންރީ، 35، ގެ އެންމެ ފަހުގެ ފިލްމަކީ ޖުލައި މަހު ރިލީޒް ކުރި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް: ފޯލްއައިޓް" އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ޑޭވިޑް ރެމޮންޑްގެ ސައިކޮލޮޖިކަލް ތުރިލާ "ނޮމިސް" އެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު އެކްޓު ބެން ކިންގްސްލީ އާއި އެލެގްޒެންޑާ ޑަޑާރިއޯ ވެސް ހިމެނެ އެވެ.