ހެލްތު ކެއާ އިންސްޓިޓިއުޓެއް އުފެއްދުމުގެ އެއްބަސްވުމުގައި އެސްޓީއޯ އިން ސޮއިކޮށްފި
ހެލްތު ކެއާ އިންސްޓިޓިއުޓެއް އުފެއްދުމުގެ އެއްބަސްވުމުގައި އެސްޓީއޯ އިން ސޮއިކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާއަށް މީހުން ބިނާކުރަން އެމެރިކާގެ ކުންފުންޏަކާ ގުޅިގެން ހާއްސަ އިންސްޓިޓިއުޓެއް އުފެއްދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯ-ޖީއީ ހެލްތު ކެއާ އިންސްޓިޓިއުޓްގެ ނަމުގައި ތަމްރީން މަރުކަޒެއް އުފެއްދީ އެމެރިކާގެ ވިޕްރޯ ޖީއީ ހެލްތު ކެއާއާ ގުޅިގެންނެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޕްރޮގްރާމް ފެށުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދެވެ. ވިޕްރޯ ޖީއީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓުޓްގެ އިސް ވެރިއެއް ކަމަށްވާ މަރުޓް ސީޓިއާ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތުމަތު އާޝާން ވިދާޅުވީ، އެސްޓީއޯއިން މީގެ ކުރިން ވެސް ފާމަސިސްޓުން ތަމްރީންކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ. އަަދި އާ އިންސްޓިޓިއުޓް ތަރައްގީކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ ދާއިރާގައި ތަމްރީނު ލިބޭ މީހުން މަދުވުމުގެ ސަބަބުންނެވެ.

އާޝާން ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެކްސްރޭ މެޝިންތައް ބަހައްޓާފައި ހުރި ނަމަވެސް ތަމްރީނު ލިބިފައިވާ މީހުން ނެތުމުގެ ސަބަބުން އެ މެޝިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސްޓިޓިއުޓުން އެންމެ ފުރަތަމަ ފަށަން ހަމަޖައްސާފައި ވަނީ އެކްސްރޭ ޓެކްނީޝަން ޕްރޮގްރާމެކެވެ. މި މަހުގެ ތެރޭގައި ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންސްޓިޓިއުޓުން ކުރިއަށް ގެންދާ އެހެން ޕްރޮގްރާމްތަކުގައި ރޭޑިއޯލޮޖީ ޓެކްނީޝަނުން އުފެއްދުމާއި ނަރުހުން ތަމްރީނުކުރުން ވެސް ހިމެނޭ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ވިޕްރޯ ޖީއީ ހެލްތު ކެއާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި ކޯސްތައް ހިންގަމުން އަންނަ އަދި 100 އަހަރަށް ވުރެ ގިނަ ދުވަސް ވީ ތަނެކެވެ. އަދި މިހާރު ވެސް އެތަނުގެ އިންސްޓިޓިއުޓައް ދުނިޔޭގެ 16 ގައުމެއްގައި ހިންގަ އެވެ.