ކަންނެތް މީހުން ދައްކާނެ ރަނގަޅު އުޒުރެއް
ކަންނެތް މީހުން ދައްކާނެ ރަނގަޅު އުޒުރެއް

ވިސްނުން ތޫނު ހުޝިޔާރު މީހުންނަށް މާ ފަސޭހައިން ކަންނެތްކަން އިހުސާސްވެ ފޫހިވާ ކަމަށް ބުނާ ދިރާސާތައް މީގެ ކުރިން އާންމުކޮށްފައިވެ އެވެ. އަނެއްކާވެސް އެފަދަ ދިރާސާތަކަށް ބާރު ލިބުނީ އެވެ. މިކަމާ ބެހޭ ގޮތުން އެމެރިކާގައި ކުރި އާ ދިރާސާއަކުން ވެސް ދައްކަނީ ވިސްނުން ތޫނު ނުވަތަ އައިކިއު މަތި މީހުން ކަންނެތްވެ ފޫހިވެގެން އުޅުން، އައިކިއު ދަށް މީހުންނަށް ވުރެ އިތުރު ކަމަށެވެ.

ފްލޮރިޑާ ގަލްފް ކޯސްޓް ޔުނިވަސިޓީގައި ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ ވިސްނުން ތޫނު މީހުން ފޫހިވެ ކަންނެތް ވަނީ ކަންކަމާ ވިސްނުމަށް ސިކުނޑިން ހުސްކުރާ ވަގުތުގެ ސަބަބުން ކަމަށެވެ. އެހެންވެ މިފަދަ މީހުންނަކީ ކަމެއް ނެތި އެތައް އިރަކު ވިސްނަން ތިބޭ ބަޔަކަށް ވުމުގެ ފުރުސަތު ބޮޑުވަނީ އެވެ.

ހަރަކާތްތެރިކަން އިތުރު މީހުން އެހެން އުޅެނީ އެ މީހުންގެ ސިކުނޑިއަށް ހަރަކާތްތެރިކަން ގެނެވޭ ގޮތަކީ އެއީ ކަމަށް ވާތީ އެވެ. އެކަމަކު ވިސްނުން ތޫނު މީހުން ޖިސްމާނީ ހަރަކާތްތަކެއް ނެތް ނަމަވެސް ވިސްނުމުގެ ބޭނުންކޮށްގެން ސިކުނޑިއަށް ދިރުން ގެނުވަނީ އެވެ.

ދިރާސާ ޓީމުން، 60 މީހެއްގެ އައިކިއު ޓެސްޓްކުރުމަށް ފަހު އޭގެ ތެރެއިން އައިކިއު އެންމެ މަތި 30 މީހުންނާއި ދަށް 30 މީހުންގެ އަތުގައި އެ މީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު ބެލުމަށް ޑިވައިސްއެއް ހަރުކޮށް ހަފުތާއެއް ވަންދެން މޮނިޓަކުރި އެވެ.

މިގޮތަށް ބެލުމުން އެނގުނީ ވިސްނުން ރަނގަޅު 30 މީހުން ހަރަކާތްތެރިވެ އުޅުން، އަނެއް 30 މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑުތައް ދަށް ކަމެވެ.

މި ދިރާސާ މިހާރު ވަނީ ޖާނަލް އޮފް ހެލްތު ސައިކޮލޮޖީގައި ޝާއިއުކޮށްފަ އެވެ.