80 މިލިއަން ޔޫރޯގެ އަގަކީ ޕްރެޝަރެއް ނޫން: ކެޕާ
80 މިލިއަން ޔޫރޯގެ އަގަކީ ޕްރެޝަރެއް ނޫން: ކެޕާ

މެޑްރިޑް (ސެޕްޓެމްބަރު 5) – އެތުލެޓިކް ކްލަބް ދޫކޮށް އޭނާ ޗެލްސީ އަށް ބަދަލުވި އަގު ކަމަށްވާ 80 މިލިއަން ޔޫރޯ އަކީ ޕްރެޝަރެއް ނޫން ކަމަށް ސްޕެއިނުގެ ޒުވާން ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ބުނެފި އެވެ.

ޗެލްސީން ކެޕާ ގެނައީ އެ ޓީމުގެ ބެލްޖިއަމް ކީޕަރު ތިބައޫ ކޯޓުއާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވުމުންނެވެ. އުމުރުން 23 އަހަރުގެ ކެޕާ އަށް އެ ޓީމުން ދެއްކި އަދަދަކީ މިހާތަނަށް ދުނިޔޭގެ ތާރީހުގައި ކީޕަރަކަށް ކްލަބަކުން ހޭދަކުރި އެންމެ ބޮޑު އަދަދެވެ.

"އެ އަގާ މެދު އަހަންނަށް ކުރެވޭނެ ކަމެއް ނެތް. އަގު އަރައިގެން ދިޔައީ މާކެޓުގެ ސަބަބުން. ޓްރާންސްފާ ފީ ތައް އެދަނީ މައްޗަށް އަރައިގެން. ދެން ވެސް އެހެން ވާނެ. އެ ސަބަބާ ހެދި އަހަރެން އަހަރެން އެކަމާ މެދު ނުވިސްނަން. އެއީ އާއްމު ކަމެއް،" ކެޕާ ބުންޏެވެ.

ސްޕެއިން ގައުމީ ޓީމަށް އެއް މެޗު ކުޅެދީފައިވާ ކެޕާ ބުނީ ޗެލްސީގައި ހުރިހާ ކަމެއް ވެސް ފެށިގެން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މެޗުތަކުން މޮޅުވަމުން ދިއުމާއި ބައިކޮޅަށް ލަނޑެއް ވައްދާނުލާ މެޗުތައް ފުރިހަމަކުރެވޭތީ ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"ޗެލްސީ އަކީ އަހަރެން ގުޅެން ރަނގަޅު ޓީމެއް ސަބަބަކީ ސްޕެއިނުގެ ވަރަށް ގިނަ ކުޅުންތެރިން ވެސް މީގެ ކުރިން ކުޅެ ކާމިޔާބު ހޯދާފައިވަނީ. އަދި މިހާރު ވެސް އެބަތިބި،" ކެޕާ ބުންޏެވެ.