06 ސެޕްޓެމްބަރ 2018 - 07:14

ރިތިކް ރޯޝަންގެ ފިލްމަކަށް އިންތިޒާރުކުރާ މީހުންނަށް ދެން އޮތީ ވަރަށް ހާއްސަ ފިލްމެކެވެ. މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ގާބިލް" އަށް ފަހު، އޭނާ ދެން ފެނިގެން ދާނީ ބައޮގްރަފިކަލް ޑްރާމާއަކުންނެވެ. އެއީ "ސުޕަ 30" އެވެ.
ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ. މި ފިލްމަކީ 2014 ވަނަ އަހަރު ކަންގަނާ ރަނާވަތަށް ފިލްމު "ކްއީން" އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދައިދިން ވިކާސް ބަލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރްގެ ރޯލް ރިތިކް ކުޅެފައިވާ "ސުޕަ 30" ގެ ޕޯސްޓަރުތަކެއް މިހާރު ވަނީ ދައްކާލައިފަ އެވެ.
ޕޯސްޓަރުތަކުން އޭނާ ފެންނަނީ ވަރަށް އިންޓެންސް ލުކެއްގަ އެވެ. ބެލެވޭ ގޮތުން "ސުޕަ 30" އަކީ ވަރަށް ސީރިއަސް ފިލްމަކަށް ވާނެ އެވެ. މި ފިލްމްގައި ރިތިކާ އެކު ބަތަލާގެ ރޯލު ކުޅޭނީ ޓީވީ ބަތަލާ މުރްނާލް ތާކޫރް އެވެ.
"ސުޕަ 30" ސިނަމާތަކަށް އަންނާނީ ކަންގަނާގެ ތާރީހީ ފިލްމް "މަނިކަރްނިކާ" އާ އެއް ދުވަހެއްގައި ޖެނުއަރީ، 25، 2019 ގަ އެވެ.
ޖޯން އަބްރަހަމް ރޯ އެޖެންޓެއްގެ ރޯލް ކުޅޭ ފިލްމް ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޝޫޓިން ނިންމާލައިފި އެވެ. މި ފިލްމަކީ ރޮބީ ގެރެވާލް ޑައިރެކްޓް ކުރާ ސްޕައި ތުރިލާއެކެވެ.
ފިލްމްގައި ޖޯންއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ދާދި ފަހުން ރިލީޒްކުރި، އަކްޝޭ ކުމާރްގެ "ގޯލްޑް" އިން ބޮލީވުޑަށް ތައާރަފުވި ޓީވީ ބަތަލާ މޯނީ ރޯއި އެވެ. "ރޯ" ގެ މަންޒަރުތައް ނަގާފައި ވަނީ ގުޖުރާތާއި ކަޝްމީރާއި މުމްބާއީގެ އިތުރުން ނޭޕާލްގަ އެވެ.
ޖޯންގެ އެންމެ ފަހުގެ ފިލްމް "ސަތިޔަމޭވް ޖަޔަތޭ" އަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ދެން އެންމެ އަވަހަށް އޭނާ ޝޫޓިން ފަށާނެ ފިލްމަކީ ނިކިލް އަދްވާނީގެ "ބަތުލާ ހައުސް" އެވެ.
އަމީތާބް ބައްޗަން އާއި ވަރުން ދަވަން އަދި އަބީޝެކް ބައްޗަން ފަދަ އެކްޓަރުންނާ އެކު މަސައްކަތް ކުރުމަށް ފަހު ތާޕްސީ ޕައްނޫ މިހާރު ބޭނުން ވަނީ ސަލްމާން ހާނާ އެކު ފިލްމެއް ކުޅޭށެވެ. އޭނާ ބުނި ގޮތުގައި ސަލްމާނާ އެކު ފިލްމެއް ކުޅެން ލިބޭނެ ދުވަހަކަށް ކުރެވޭ އިންތިޒާރު ބޮޑެވެ.
"އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އަހަންނަކީ އުޅޭ މީހެއްހެން ވެސް ސަލްމާނަށް އެނގޭހެނެއް،" ތާޕްސީ ބުންޏެވެ.
އެކަމަކު ސަލްމާން ކުޅުނު "ޖުޅްވާ" ގެ ދެވަނަ ބައި "ޖުޅުވާ 2" ގައި ވަރުންއާ އެކު މަސައްކަތް ކުރި އިރު، ސަލްމާންގެ އެ ފިލްމްގެ ހާއްސަ ފެނިލުމެއްގައި މަސައްކަތްކޮށްފައިވާތީ ފަހަރުގައި ތާޕްސީއަކީ ކާކުކަން އެނގިފައި އޮވެދާނެ ކަމަށް އޭނާ ބުންޏެވެ.
މި މަހުގެ 14 ގައި ރިލީޒް ކުރާ "މަންމަރްޒިޔާ" ގެ ބަތަލާ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި އަމީތާބާ އެކު ކުޅެފައިވާ "ބަދްލާ" ހިމެނެ އެވެެ.