05 ސެޕްޓެމްބަރ 2018 - 11:20

ޓޯކިޔޯ (ސެޕްޓެމްބަރު 5) - ވޭތުވެދިޔަ 25 އަހަރު ދުވަހު ތެރޭ ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ޖެބީގެ ނަން ދީފައިވާ ތޫފާނުގައި ވައިޖެހުމުން ދަނީ ގަޑިއަކު 216 ކިލޯ މީޓަރު (135 މޭލު) ގެ ބާރުމިނުގަ އެވެ. ގަދަ ވައިގައި އިމާރާތްތަކުގެ ފުރާޅު އެއްލާލި އިރު ބްރިޖް މަތިން ދަތުރުކޮށްފައި ދިޔަ ޓްރަކެއް ވަނީ ފުރޮޅާލައިފަ އެވެ. އަދި 2،500 ޓަނުގެ ޓޭންކަރެއް ވަނީ ގަދަ ވައިގައި އޮޔާ ގެންގޮސް، އެއާޕޯޓަށް ދާން އޮންނަ ބްރިޖުގައި ޖެހި ބްރިޖަށް ގެއްލުންތަކެއް ލިބިފަ އެވެ. އެ ބްރިޖަށް ގެއްލުން ލިބުމުން ވަނީ ޖަޕާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އޮސާކާގެ އެއާޕޯޓަށް ދާން އޮންނަ މަގު ބަންދުވެ އެތައް ބަޔަކު ތާށިވެފަ އެވެ. ބޮޑު ރާޅު އެރުމުން އެއާޕޯޓުގެ ރަންވޭގައި ވަނީ ފެންބޮޑުވެފަ އެވެ. އެއީ ދުވާލަކު 400 ފްލައިޓް އޮޕަރޭޓް ކުރާ އެއާޕޯޓެވެ.

ތުފާނުގައި މިހާތަނަށް ވަނީ 10 މީހުން މަރުވެ 300 މީހުން ޒަޚަމްވެފަ އެވެ.

ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ތޫފާނުގެ ސަބަބުން 2.4 މިލިއަން ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. ތޫފާން އަރާނެ ކަމަށް ލަފާ ކުރެވޭ ހިސާބުތަކުގެ 1.2 މިލިއަން މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވާން ވަނީ އަންގައިފަ އެވެ.


