އާލިއާ ބަޓްގެ މަންމަ ސޯނީ އާއި ބައްޕަ މަހޭޝްގެ ފިލްމެއް
އާލިއާ ބަޓްގެ މަންމަ ސޯނީ އާއި ބައްޕަ މަހޭޝްގެ ފިލްމެއް

އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާންއަކީ އެކްޓިން އަށް އާ މީހެއް ނޫނެވެ. އޭނާ ވަނީ ވަރަށް ގިނަ ފިލްްތަކާއި ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. ދާދި ފަހުން ރިލީޒްކުރި އާލިއާގެ ކާމިޔާބު ފިލްމް "ރާޒީ" ގައި އާލިއާގެ މަންމަގެ ރޯލް ކުޅުމަށް ފަހު، ސޯނީ ދެން ފެނިގެން ދާނީ ފިރިމީހާ މަހޭޝް ބަޓްއާ އެކު ކުޅެފައިވާ ފިލްމަކުންނެވެ. މިއީ "ޔުއާސް ޓްރޫލީ" އެވެ.

މި ފިލްމުން ފުރަތަމަ ފަހަރަށް ސޯނީ އާއި މަހޭޝް އެކުގައި ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ. މަހޭޝްއަކީ އެއްގޮތަކަށް ވެސް އެކްޓަރެއް ނޫނެވެ. އޭނާ މަޝްހޫރުވެފައި ވަނީ ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ލިޔުންތެރިއެއްގެ ގޮތުގަ އެވެ.

ނަމަވެސް އަނބިމީހާއާ އެކު ފުރަތަމަ ފަހަރަށް ފިލްމެއްގައި ސްކްރީން ހިއްސާކޮށްލާތީ، މި ފިލްމު ދަރިފުޅު އާލިއާ އަށް ވެސް ވަރަށް ހާއްސަ އެވެ. އޭނާ ވަނީ ފިލްމްގެ ފުރަތަމަ ޕޯސްޓަރު ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

"ޔުއާސް ޓްރޫލީ" އަންނަ މަހު ބާއްވާ 23 ވަނަ ބުސާން އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ. މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ސަންޖޯއި ނަގް އެވެ. ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ އެވޯޑް ހޯދާފައިވާ ލިޔުންތެރިތާ އެނީ ޒައިދީ ލިޔެފައިވާ ކުރު ވާހަކަ "ދި ވަން ދެޓް ވޯޒް އެނައުންސްޑް" އަށެވެ.

މީގައި ކިޔައި ދެނީ ތެދުވެރި ލޯތްބެއް ހޯދަން އަންހެނަކު ކުރާ ދަތުރެއްގެ ވާހަކަ އެވެ.

"ޔުއާސް ޓްރޫލީ" އިން ސޯނީ އާއި މަހޭޝްއާ އެކު މުހިއްމު ރޯލަކުން ޕަންކަޖް ތުރިޕަތީ ވެސް ފެނިގެން ދާނެ އެވެ. މި ފިލްމް އާންމުކޮށް ބެލުންތެރިންނަށް ގެނެސް ދޭނެ އިރެއް އަދި ނޭނގެ އެވެ.