05 ސެޕްޓެމްބަރ 2018 - 11:17

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ބައިނަލްއަގުވާމީ 85 ފަރާތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކޮށްފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިޚާބުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ބައިނަލްއަގުވާމީ 51 އޮބްޒާވަރަކަށް އަދި 34 މޮނިޓަރުންނަށް ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ އަދި ޖަމާއަތްތައް ވެސް ހިމެނެ އެވެ.
މި އެންމެންނަށް ވެސް އިންތިޚާބުގެ އެއްވެސް ކަމެއްގައި އުޅެވޭނީ ބިޒްނަސް ވިސާގަ އެވެ. ޓޫރިސްޓު ވިސާގައި އެތެރެވެ، އިންތިޚާބުގެ އެއްވެސް ކަމެއް ކުރާނަމަ އަނބުރާ ފޮނުވާލާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިންތިޚާބު އޮބްޒާވްކުރަން ގިނަ ބަޔަކު ކުރިމަތިލީއިރު، އޭގެ ތެރޭގައި، ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބުތަކުގައި އިދާރީ އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ އެއްވެސް ބައިވެރިވުމެއް މިފަހަރަކު ނެތެވެ. އޭގެ ސީދާ ސަބަބެއް އދ. އިން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާންތަކުގައި، މިނިވަން އިންތިޚާބަކަށް މަގު ފަހިކުރަން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. އަދި އެކަމަށް އެހީތެރިވާން، ތައްޔާރަށް އޮތް ކަމަށް ވެސް އެތަނުން ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުންނާއި މީޑިއާތަކުން އަދި ދެ ކެންޑިޑޭޓުންގެ ވެސް މަންދޫބުންގެ ގޮތުގައި އިންތިޚާބުގައި ހަރަކާތްތެރިވާން ގިނަ ބަޔަކު ކުރިމަތިލާފައިވެ އެވެ. އެ މީހުންގެ ޖުމްލަ އަދަދެއް އިލެކްޝަންސުން އަދި ހާމައެއް ނުކުރެ އެވެ.