ތަށި މުހިއްމު، ޓީމު އޮތީ ތައްޔާރަށް: އަކްރަމް
ތަށި މުހިއްމު، ޓީމު އޮތީ ތައްޔާރަށް: އަކްރަމް

ސާފް ސުޒުކީ ކަޕުގެ ތަށި އަބަދުވެސް ރާއްޖެ އަށް މުހިއްމު ކަމަށާއި ޓީމު އޮތީ އެކަމަށް ތައްޔާރަށް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި އިންޑިއާއާ އެކު ގްރޫޕް ބީގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ.

މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރުގެ ގިނަ ނޫސްވެރިން އެންމެ ބޮޑަށް ސުވާލުތައް އަމާޒުކުރީ ރާއްޖޭގެ ތައްޔާރީތަކާ ބެހޭގޮތުންނެވެ. ގަތަރުގައި ދިގު ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށްފައިވާތީ އެވެ. އަކުރަމް ވަނީ އެ ޓްރެއިނިން ކޭމްޕް ފުރިހަމަ ކަމަށް ބުނެފަ އެވެ.

"އަހަރެމެންގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ދިޔައީ. 25 ދުވަސް ގަތަރުގައި ހޭދަކޮށްފައި. ރަނގަޅު ޓްރެއިނިންތަކެއް ގެންދިޔައީ. ވަރަށް ރަނގަޅަށް ޓީމު ތައްޔާރުވެފައޭ ބުނެވޭނީ،" އަކްރަމް ބުންޏެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ގައުމީ ޓީމު ގަތަރަށް ކޭމްޕް ދިޔައިރު އަކްރަމް ހުރީ އަނިޔާގަ އެވެ. އެކަމަކު އޭނާގެ މުހިއްމުކަން ބޮޑުވުމުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ފުރުސަތު ދިނީ އެވެ. އަކްރަމް މިހާރު ހުރީ މުބާރާތަށް ފިޓްކޮށެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި އަކުރަމް ބުނެފައިވަނީ މި ފަހަރުގެ ޓީމާ މެދު ގިނަ ބަޔެއްގެ އުއްމީދެއް ނެތް ނަމަވެސް އޭނާގެ އެދުމަކީ އެންމެން ވެސް ޓީމުގެ ފަހަތުގައި ތިބުން ކަމަށެވެ. އަދި ކާމިޔާބީ ހާސިލްކުރެވިއްޖެނަމަ އެއީ މުޅި ގައުމަށް ލިބޭނެ ރީތި ނަމެއް ކަމަށް ބުންޏެވެ.

"އަހަރެމެންގެ ގައުމަށް ސާފް ތަށި އަބަދުވެސް މުހިއްމުވާނެ،" 2008 ވަނަ އަހަރު ރާއްޖެ އަށް ސާފް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ ކޮއްކޮ އަކްރަމް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ގަތަރާ އެކު ކުޅުނު މެޗަށް ފަހު އަކްރަމް އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ޖޫން މަހުގަ އެވެ. އެންމެ ފަހުން އިންޑިއާގައި އޮތް ސާފް ސުޒުކީ ކަޕްގައި އަކްރަމް ނުކުޅެ އެވެ. އެކަމަކު އޭނާ އަކީ 2008 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ.

ތަފާތު ސަބަބުތަކެއް ހުރި ކަމަށް ބުނެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މި ފަހަރު ޓީމުން ފުރުސަތު ނުދެ އެވެ. އަދި މުބާރާތަށް ނެގި ފައިނަލް ސްކޮޑުން ތަޖުރިބާކާރު ކުޅުންތެރިއާ މުހައްމަދު އުމެއިރު ވެސް ވަނީ ބާކީވެފަ އެވެ. ކޯޗު ސެގާޓް ބުނީ އުމެއިރު ބާކީކުރީ އަނިޔާގެ ސަބަބުން ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުގައި ނިސްބަތުން މުބާރާތަަކަށް އާ ކުޅުންތެރިން ގިނަ އެވެ. އެކަމަކު އެ ކުޅުންތެރިން މަސައްކަތްކޮށްފިނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި އެކަމަށް އެންމެ ބާރު އެޅޭނެ ދެ ތަޖުރިބާކާރު ކުޅުންތެރިންނަކީ ކެޕްޓަން އަކޫގެ އިތުރުން މުހައްމަދު އާރިފް (ބަކާ) އެވެ.