ޑެންމާކް ގައުމީ ޓީމަށް ފުޓްސަލް ކުޅުންތެރިން ނަގައިފި!
ޑެންމާކް ގައުމީ ޓީމަށް ފުޓްސަލް ކުޅުންތެރިން ނަގައިފި!

ކޯޕަންހޭގަން (ސެޕްޓެމްބަރު 5) – ސީނިއާ ކުޅުންތެރިންނާ އެކު ކޮންޓްރެކްޓެއް ހެދުމަށް އެއްބަސްވުމަކަށް ނާދެވުމުން ޑެންމާކުން މިރޭ ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ޔުއެފާ ނެޝަނަލް ލީގުގައި އާދީއްތަ ދުވަހު ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ދަށް ލީގުތަކުންނާއި ފުޓްސަލް ޓީމުން ކުޅުންތެރިން ނަގައިފި އެވެ.

ޑެންމާކް ފުޓްބޯޅަ އެސޯސިއޭޝަނުން އަލަށް ތައްޔާރުކުރި ކޮންޓްރެކްޓެއްގައި ސީނިއާ ކުޅުންތެރިން ސޮއިކުރަން ދެކޮޅު ހެދީ، ކުޅުންތެރިންނަށް ލިބޭ ކޮމާޝަލް ހައްގުތަކެއްގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެއީ ކުޅުންތެރިންގެ އިމޭޖްސް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީއާ ބެހޭ އުސޫލެކެވެ.

ޑެންމާކުގެ ޕްލެޔާސް އެސޯސިއޭޝަނުން ވަނީ ކުޅުންތެރިންނާ އެކު ކުރިން ހެދި އެއްބަސްވުމުގެ ދަށުން މި ދެ މެޗު ކުޅެން އެދިފަ އެވެ. އެކަމަކު ފުޓްބޯޅަ އެސޯސިއޭޝަނުން ގަބޫލެއް ނުވި އެވެ. އަދި އެއް މަސް ދުވަހަށް އެ އެއްބަސްވުން އާކޮށް، މިވަގުތަށް މައްސަލަ ހައްލުކުރަން ޕްލެޔާސް އެސޯސިއޭޝަނުން އިއްޔެ އެދުމުން ވެސް އަލިމަގެއް ނުފެނުނެވެ.

ޑެންމާކުގެ އަންހެން ޓީމުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއް ބޮއިކޮޓްކޮށްފަ އެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު އެފަދަ ކަމެއް ވެއްޖެ ނަމަ އެ ގައުމު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ޔުއެފާ އިން ވަނީ ދީފަ އެވެ.

އެހެންވެ އެ ގައުމުގެ ތިން ވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަން އަދި ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިން ހިމަނައިގެން ސްކޮޑް ނަގަން މަޖުބޫރުވީ އެވެ. އަދި އޭނާ ނުނަގާ ސްކޮޑަށް ކޯޗުކޮށްނުދޭނެ ކަމަށް ކޯޗު އާގޭ ހަޔެހައިޑް ބުނުމުން ކުރީގެ މިޑްފީލްޑަރު ޖޯން ޖެންސެން އަށް ވަނީ ވަގުތީ ކޯޗުކަންދީފަ އެވެ.

އޭނާ އަކީ ޑެންމާކް ފުޓްބޯޅައިގެ ހައިރާންކުރުވަނިވި އެހެން ކަމަކާ ވެސް ގުޅުން ހުރި ކޯޗެކެވެ. އެއީ 1992 ވަނަ އަހަރުގެ ޔޫރޯގައި އަދަދު ހަމަކުރަން ޑެންމާކް ބައިވެރިކުރުމުން ތަށި ނަގައި ދުނިޔެ ހައިރާންކޮށްލި ކާމިޔާބީ އެވެ.