05 ސެޕްޓެމްބަރ 2018 - 11:43

މޭޒުގެ ދެ ފަރާތުގައި މި ރެސްޓޯރަންޓުގެ ހޯސްޓް އެ ގެންދަނީ ކާނާ އަތުރަމުންނެވެ. ކުކުޅާއި ސޮސެޖެވެ. ތަރުކާރީ އާއި ފިޔާ އަދި ރަހަތައް ހެޔޮވަރު ކޮށްދޭ ތަފާތު ސާމާނެވެ. އެކަމަކު މި ތަކެތި ހުރީ ރޯކޮށެވެ. މިހާރު ހޯސްޓް ހަމަޖެހިލައިގެން ހުރެ އެ ކިޔައިދެމުން ދަނީ އެ ތަކެތި ކަސްޓަމަރުން ކައްކާނެ ގޮތެވެ. އަމިއްލަ އަށް ކައްކަންވީ އެވެ. މިއީ ރެސްޓޯރަންޓް އައި45 އެވެ.

"މާލޭގައި އަދި މި ހިދުމަތް ދޭ ދެ ވަނަ ރެސްޓޯރަންޓެއް ނުހުންނާނެ. އަޅުގަނޑަށް އެނގިގެން މުޅި ރާއްޖޭގައި ވެސް މި ހިދުމަތް ދެނީ ވަރަށް މަދު ރިސޯޓުތަކެއްގައި،" އައި45ގެ އެސިސްޓަންޓް އޮޕަރޭޝަންސް މެނޭޖަރު ހަސަން ނާފިއު ބުންޏެވެ.

ލައިވް މިޔުޒިކާއެކު ބޭއްވި ހަރަކާތެއްގައި މިދިޔަ ހޯމަ ދުވަހު ރެސްޓޯރަންޓް އައި45 ހުޅުއްވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މި ތަން ހުންނަނީ މާފަންނު ގަޑިބުރު ކައިރި ކުރީގެ ބުރުޒު ހޮޓާ ހިންގި އިމާރާތުގެ ޓެރަސްގަ އެވެ. އޯޕަން އެއާ ރެސްޓޯރަންޓެކެވެ. ހިތްގައިމު މާހައުލެކެވެ.

"މިތަން ޑިޒައިނިންގައި އަޅުގަނޑުމެން ވަރަށް އިސްކަމެއް ދިނިން ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއް އުފެއްދޭތޯ،" ނާފިއު ބުންޏެވެ.

"ޑިޒައިން ވެސް ވަރަށް ތަފާތުވާނެ، ވަރަށް ރީތި ވާނެ."

މާލޭގައި މިހާރު ހިންގާ ރެސްޓޯރަންޓުތަކުން އާންމު ގޮތެއްގައި ލިބޭ ހުރިހާ ކާނާއެއް ވެސް މިތަނުން ލިބެން ހުންނާނެ ކަމަށް ނާފިއު ބުނެ އެވެ. އަދި އެހެން ރެސްޓޯރަންޓުތަކާ އަޅާ ބަލާއިރުގައި އަގު ވެސް ބޮޑު ނުވާނެ ކަމަށް އޭނާ ބުނެ އެވެ.

"ކާނާ މީރުވާނެ. އަދި ކާނާގެ ރަހަ އަށް ބަދަލެއް ވެސް ނާންނާނެ. އަޅުގަނޑުމެން ވަރަށް ސަމާލުކަން ދޭނަން ކޮލިޓީ މެއިންޓެއިން ކުރަން. އެކަމަށް ވަކި ހާއްސަ ޑިޕާޓްމަންޓެއް ވެސް އެބަ ގެންގުޅެން،" ނާފިއު ބުންޏެވެ.
މީގެ އިތުރުން ވެސް އަދި ރެސްޓޯރަންޓް އައި45ގެ ވަރަށް ތަފާތު ކަމެއް އެބަ އޮތެވެ. އެއީ މިތާނގެ ޝެފުން ނޫން ހުރިހާ މުވައްޒަފުންނަކީ ވެސް ދިވެހިންނެވެ. އަދި ވަރަށް ޒުވާން ކުދިންނެވެ. އެސިސްޓެންޓް އޮޕަރޭޝަންސް މެނޭޖަރު ނާފިއުގެ އުމުރުން ވެސް އެންމެ 22 އަހަރެވެ.
"ދިވެހިންނަށް ވެސް އަދި ޒުވާނުންނަށް ވެސް މިފަދަ މަސައްކަތް ކުރެވޭނެކަން އަންގައިދޭން އަޅުގަނޑުމެން ބޭނުން ވަނީ. މި ތަނުގައި މަސައްކަތް ކުރާ އެންމެ ދޮށީ ކުއްޖާ އަށް ވެސް އަދި 23 އަހަރު ނުވާނެ،" އޭނާ ބުންޏެވެ.
ކުރިމަގުގައި ވެސް އައި45ގެ މެނޭޖްމަންޓުން ބޭނުން ވަނީ ތަފާތު ހަރަކާތްތަކެއް މި ރެސްޓޯރަންޓުގައި ކުރިއަށް ގެންދިއުމެވެ. އެ ގޮތުން އެކި މައުލޫތަކަށް ވާހަކަ ދެއްކުމަށް ތަޖުރިބާކާރުން ގެންނާނެ އެވެ. އަދި މިޔުޒިކާއި އޯޕަން މައިކް ސެޝަންސް ވެސް އޮންނާނެ އެވެ.
"އެއިރުން ކަސްޓަަމަރުން ވެސް އޯޕަން މައިކް ސެޝަންތަކުގައި ސިއްހީ އެކި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަންވީ. ބޭނުމަކީ މުޖުތަމައުގައި ނުދައްކައި ތިބޭ ސިއްހީ މައްސަލަތަކަށް އެޑްރެސް ކުރުން. މެންޓަލް ހެލްތަށް ވިސްނައިގެން ކުރާ ކަމެއް މިއީ އަސްލު،" ނާފިއު ބުންޏެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ނުރައްކާތެރިކަން އަންގައިދިނުން ވެސް އެ ސެޝަންގައި ކުރިއަށް ގެންދާނެ ކަމަށް ނާފިއު ބުންޏެވެ.
"މި އިޝޫސްތަކާ ގުޅޭ، ތަޖުރިބާކާރު ބޭފުޅުން ވަޑައިގެން އެ މައްސަލަތަކާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް ކަންކަން އޮޅުން ފިލުވައި ދެއްވާނެ. ވަރަށް އެކުވެރި މާހައުލެއްގައި އެކަން ކުރިއަށް ދާނީ،" އޭނާ ބުންޏެވެ.