05 ސެޕްޓެމްބަރ 2018 - 10:05

ސާފް ސުޒުކީ ކަޕްގައި މި ފަހަރު އިންޑިއާ އާއި ރާއްޖެއާ އެއް ގްރޫޕެއްގައި ސްރީލަންކާ އޮތުމުން އެ ޓީމަށް މުބާރާތުގައި ކުރިއަށްނުދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެކަން ބަދަލުކުރަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޕަކީރު އަލީ ބުނެފި އެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ލަންކާ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ޕަކީރު އަލީ ބުނީ މި މުބާރާތަށް ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުން ކަމަށެވެ. ބަންގްލަދޭޝްގެ ނިލްފަމަރީގައި ކުޅުނު ފުރަތަމަ ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗުން ލަންކާ މޮޅުވީ 1-0 އިންނެވެ.
"އަހަރެމެންގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް. ޖަޕާނާއި ކޮރެއާގައި ކޭމްޕް ކޮށްގެން ވަރަށް ރަނގަޅު ތަޖުރިބާތަކެއް އަހަރެމެންނަށް ލިބިއްޖެ. އެ ހުރިހާ ކަމެއް ރަނގަޅަށް ދިޔަކަން އެނގޭނެ އެއް ކަމެއް. އަހަރެމެން އެންމެ ފަހުން ބަންގްލަދޭޝްގައި ކުޅުނު މެޗުގެ ނަތީޖާ އަކީ. ބަންގްލަދޭޝް ދަނޑުގައި އެ ޓީމު އަތުން މޮޅުވުމުން އަހަރެމެންގެ ކޮންފިޑެންސް މަތިވެއްޖެ،" ފާއިތުވި އަހަރުތަކުގައި ލ އަތޮޅުގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކުރި ޕަކީރު ބުންޏެވެ.
އޭނާ ބުނީ ގްރޫޕް މިހާރު އޮތްގޮތުން އެންމެންގެ ނަޒަރުގައި ވެސް ސެމީ ފައިނަަށްދާނެ ދެ ޓީމަކީ އިންޑިއާ އާއި ރާއްޖެ ކަމަށެވެ. އެހެން ނަމަވެސް އެކަން ބަދަލުކުރެވޭނެ ކަމުގެ ގާބިލްކަން އެ ޓީމުގައި އެބަހުރި ކަމަށް ބުންޏެވެ.
"ތެދެއް ވަރަށް އުނދަގޫ ގްރޫޕެއްގައި މި އޮތީ. އެންމެންގެ ނަޒަރުގައި އަހަރެމެންނަށް މި ގްރޫޕުގައި ކުރިއަށް ނުދެވޭނެ. އެކަމަކު އަހަރެން ދެކެނީ އެހެން ގޮތަކަށް. އަހަރެމެންނަށް ވެސް ފުރުސަތު އެބައޮތް. އެއީ މެޗެއްގައި ގޮތް ކަނޑައަޅަނީ ދަނޑުބޭރުންނެއް ނޫން. ދަނޑުމަތީގައި ކުޅެން އަރާ 11 ކުޅުންތެރިން އެކަން ނިންމާނީ،" " ޕަކީރު ބުންޏެވެ.
ސަރަހައްދުގައި ބާރެއްގެ ގޮތުގައި އޮތް ލަންކާ ވެއްޓުނު ވަޅުގަނޑުން މިހާރު ވަނީ އަރައިގެންފަ އެވެ. އެކަމަކު އަދިވެސް އެ ޓީމަށް ފޭވަރިޓެއްގެ ދަރަޖަ ގިނަ ބަޔަކު ނުދެ އެވެ. އެކަމަކު މިދިޔަ ޖުލައި މަހު ޔޫރަޕްގެ ލިތުއޭނިއާއާ އެއްވަރުވި މެޗަކީ ލަންކާގެ ފުޓްބޯޅަ އަށް އަލުން ދިރުން ލިބޭނެ ފަދަ ނަތީޖާއެއް ކަމަށް ޕަކީރު ގަބޫލުކުރެ އެވެ.
"އަހަރެމެން ލިތުއޭނިއާއާ ދެކޮޅަށް ދެއްކި ހިތްވަރު އެއީ ފެށުމެއް. މިހާރު އޮތީ ޒުވާން އަދި ތަޖުރިބާހުރި ކުޅުންތެރިން އެއްވެފައި އޮތް ރަނގަޅު ޓީމެއް،" ކުރިން ބަންގްލަދޭޝްގައި ވެސް މަސައްކަތްކުރި ޕަކީރު ބުންޏެވެ.
އިންޑިއާ އިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް މުބާރާތް ކާމިޔާބުކުރީ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ޓީމެއް ފޮނުވައިގެންނެވެ. މި ފަހަރުގެ މުބާރާތަށް ވެސް އިންޑިއާގެ އިންގްލެންޑް ކޯޗު ސްޓެފަން ކޮންސްޓަންޓީން ގެނައީ 23 އަހަރުން ދަށުގެ ޓީމެކެވެ. އޭނާގެ ނަޒަރުގައި ސާފް ފަދަ މުބާރާތްތައް މިހާރު އޮންނަން ޖެހޭނީ އަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތު ދޭށެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އާއި ސްރީލަންކާ މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.