ރިއޯގައި ތިން ފޮޓޯގްރާފަރެއްގެ އަތުން ފޭރިގެންފި
ރިއޯގައި ތިން ފޮޓޯގްރާފަރެއްގެ އަތުން ފޭރިގެންފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 6) - ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިއަދު ފެށި އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުލަތަކާއި އަޑުތައް ކެނޑިގެން ނުދަނީސް، ހިތާމަވެރި ހަބަރުތައް މި ވަނީ އަންނަން ފަށައިފަ އެވެ. ގޭމްސް ކަވަރުކުރުމަށް ރިއޯގައި ތިބި ތިން ފޮޓޯގްރާފެރްގެ އަތުން އަގުބޮޑު ކެމެރާ ސާމާނު މި ވަނީ ފޭރިގެންފަ އެވެ.

ޑެއިލީ ޓެލެގްރާފަށް ފޮޓޯނަގައިދޭ އޮސްޓްރޭލިއާގެ ބްރެޓް ކޮސްޓެލޯ އަތުން އިއްޔެ ވަނީ 40،000 ޑޮލަރުގެ އަގުހުރި ސާމާނު ފޭރިގެންފަ އެވެ. ރިއޯގެ އަވަށެއް ކަމަށްވާ އިޕަނެމާގެ ކޮފީ ޝޮޕެއްގައި ހުއްޓާ، މީހަކު އެތީތެރިކަމަށް އެދުމުން، އެހީތެރިކަން ފޯރުކޮށްދެނިކޮށް އޭނާގެ އަގުބޮޑު ސާމާނު ވަނީ ވަގަށް ނަގައިފަ އެވެ.

"އަހަންނަށް އެނގޭ އަހަރެންގެ ދަބަސް ނުވަތަ ގިޔަރު ދެން ނުފެންނާނެކަން. އެކަމާ ވަރަށް ދެރަވޭ އެކަމަކު އަނިޔާއެއް ނުލިބި ސަލާމަތްވީތީ ހިތްހަމަޖެހުނު،" އޭނާ ބުންޏެވެ.

ކޮސްޓެލޯ ބުނީ 10 ސިކުންތުގެ ތެރޭގައި ވަގުން، އެ މީހުންގެ މަގުސަދު ހާސިލްކުރި ކަމަށާއި އެހެންވެ ރިއޯގައި ތިބި ފަތުރުވެރިންނާއި ނޫސްވެރިން ސަމާލުވުމަށް އެދޭ ކަމަށެވެ. އޭނާ ބުނީ އެކަމާ ފުލުހުން ވެސް ހައިރާންނުވާ ކަމަށާއި، މިގޮތަށް ވައްކަންކޮށް މީހުން ފޭރުމަކީ އާއްމު ކަމެއް ކަމަށް ފުލުހުން ބުނި ކަމަށެވެ.

ދުނިޔޭގެ އެންމެ ކުށްކުރުން ގިނަ އެއް ގައުމު ކަމަށްވާ ބްރެޒިލްގައި ގޭމްސް ބާއްވާއިރު މިފަދަ ކަންކަން ކުރިމަތިވާނެތީ އެކަމަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން ވަނީ މީގެ ކުރިން ވެސް އިލްތިމާސްކޮށްފަ އެވެ.

މިއަދުގެ ވަގުތެއްގައި އިތުރު ދެ ފޮޓޯގްރާފަރުން އަތުން ފޭރިގެންފައިވާއިރު އެކަމުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.