05 ސެޕްޓެމްބަރ 2018 - 00:06

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އާއްމުކޮށްފި އެވެ.
އައިޑީކާޑުގެ ނަމްބަރާއި ނަމާއި އެޑްރެސް ހިމެނޭގޮތަށް އާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.
ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެ 5،626 ފޯމެއް އީސީން ބާތިލްކުރި އެވެ. ނަމަވެސް ފޯމު ހުށަހަޅަން ދިން މުއްދަތުގައި ރީ-ރަޖިސްޓްރީވާން އަލުން ހުށަހެޅީ ކިތައް މީހުން ކަމެއް އަދި ރީ-ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ހުށަހެޅީ ކިހާ ޝަކުވާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މާދަމާ ސިޔާސީ ޕާޓީތަކަށް ވޯޓާސް ލިސްޓް ފޮނުވާނެ ކަމަށެވެ. އަދި އެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރާނެ ދުވަސް ފަހުން އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު މޮނިޓަ ކުރަން 10،506 މޮނިޓަރުން ބައިވެރިވާނެ އެވެ. ބޭރުގެ މޮނިޓަރުންގެ ގޮތުގައި 34 މީހަކު ބައިވެރިވާއިރު ދައުވަތު ދީގެން ބޭރުގެ އޮބްޒާވަރުންގެ ގޮތުގައި 25 މީހަކު ބައިވެރިވާނެ ކަމަށް އީސީން ބުންޏެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1895 މީހުން ހަރަކާތްތެރިވާނެ އެވެ.