04 ސެޕްޓެމްބަރ 2018 - 18:08

ދިވެހިރާއްޖެ ބައިވެރިވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ސުޒުކީ ކަޕް ދިރާގު ޓީވީން ދައްކާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިއަދު ފަށާ ސާފް ސުޒުކީ ކަޕް ފެންނާނީ ދިރާގު ޓީވީގެ 106 ނަންބަރު ޗެނަލް "ޑީ ސްޕޯޓްސް" އިންނެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ކަޕުގައި އެންމެ ފުރަތަމަ މެޗުގައި މިއަދު ވާދަކުރީ ޕާކިސްތާނާއި ނޭޕާލެވެ.
ރާއްޖެ އެންމެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހު ސްރީ ލަންކާއާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން އޮތީ އިންޑިއާ އެވެ. ދެ ވަނަ ބުރަށް ދާނީ އެންމެ ކުރި ލިބޭ ދެ ޓީމެވެ.
ސާފް ސުޒުކީ ކަޕަކީ މި ސަރަހައްދުގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖެ ވަނީ މީގެ ކުރިން އެއް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އެފަހަރު ރާއްޖެއަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އަލީ އަޝްފާގު (ދަގަނޑޭ) މިފަހަރުގެ ރާއްޖޭގެ ސްކޮޑުގައި ނުހިމެނެ އެވެ. އަދި މަޝްހޫރު އެޓޭކިން މިޑްފީލްޑަރު މުހައްމަދު އުމައިރު ވެސް ނުކުޅެ އެވެ.