04 ސެޕްޓެމްބަރ 2018 - 16:58

ހުޅުމާލޭގައި ހުންނަ އަމިން އެވެނިއު އެޕާޓްމެންޓްތަކުގެ މެއިންޓަނަންސް ބަލަހައްޓާ ކުންފުންޏާއި އެޕާޓްމެންޓްތަކުގެ ވެރިންނާ ދެމެދު ފީގެ މައްސަލަ ބޮޑުވެ، މެއިންޓަނަންސް ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.
އަމިން ކޮންސްޓްރަކްޝަނުން އިމާރާތްކޮށް، އެކި ފަރާތްތަކަށް ވިއްކާފައިވާ 12 ބުރީގެ ތިން ޓަވަރު ހިމެނޭ އަމިން އެވެނިއުގެ މެއިންޓަނަންސް ބެލެހެއްޓުން ހަވާލުކޮށްފައި އޮތީ ޕްރިމިއާ ޕްރޮޕަޓީ ކިޔާ ކުންފުންޏަކަށެވެ. އެޕާޓްމެންޓްތަކުގެ ވެރިންނާއި އެ ކުންފުންޏާ ދެމެދު މައްސަލަ ޖެހުނީ އެތަނުގެ މެއިންޓަނަންސް ރަނގަޅަށް ނުބަލަހައްޓާ ކަމަށް ބުނެ، ބައެއް އެޕާޓްމެންޓްތަކުން މެއިންޓަނަންސް ފީ ދައްކަން ދެކޮޅު ހަދަން ފެށުމުންނެވެ.
ޕްރިމިއާ ޕްރޮޕަޓީ އިން މެއިންޓަނަންސް ބެލެހެއްޓުން ހުއްޓާލީ އެ ފީ ނުދެއްކުމުގެ ސަބަބުން މެއިންޓަނަންސްގެ ޚަރަދުތައް ނުކުރެވި، އެ ޚިދުމަތް ހުއްޓާލަން މަޖުބޫރުވުމުންނެވެ. އެތަން ބަލަހައްޓައި، މެއިންޓަނަންސްގެ ކަންކަމަށާއި މުވައްޒަފުންނަށް ބޮޑެތި ޚަރަދުތަކެއް ހިނގާއިރު، އެ އަގު ނުލިބެނީސް ޚިދުމަތް ނުދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަމީން ކޮންސްޓްރަކްޝަނަށް ޕްރިމިއާ ޕްރޮޕަޓީ އިން މިއަދު ފޮނުވި ސިޓީގައިވަނީ ފީ ނުދައްކާ ފަރާތްތަކުގެ އެޕާޓްމެންޓާއި ލިފްޓްތަކުގެ އެކްސެސް ކަނޑާލުމުން އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އެ ކުންފުންޏަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން، ފީ ނުދައްކާ ފަރާތްތަކަށް ހިތްވަރު ލިބި، ފައިސާ ނުދައްކާ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް އޭގައިވެ އެވެ. އަދި ފީ ދެއްކުން ލާޒިމް ކުރުވުމުގެ ވަގުތީ އަމުރެއް ހޯދަން މަސައްކަތް ކުރުމަކީ ވެސް ދެކޮޅު ޖެހޭ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
"ދައްކަންޖެހޭ ފީ ހޯދުމަށާއި އަދި ފީ ނުދައްކާ ފަރާތްތަކުން ކުރިމަތި ކުރުވާ ދަތިތަކާއި އެ ފަރާތްތަކުން ޕޮލިހަށް ހުށަހަޅާ މައްސަލަތަކުގައި މި ކުންފުނީގެ އިސްވެރިން ހޭދަކުރަންޖެހޭ ވަގުތު ގިނަވަމުންދާތީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން އިންތިޒާމް ކުރާ ގިނަ ކަންތައްތަކެއް ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ،" އެ ސިޓީގައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން އަމިން އެވެނިއުގެ މެއިންޓަނަންސް އާއި މެނޭޖްމަންޓްގެ މަސައްކަތްތައް އެ ކުންފުންޏަށް ނުކުރެވޭނެ ކަން އެޕާޓްމެންޓްތަކުގެ ވެރިންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ. އަދި އެ މަސައްކަތާ އަމީން ކޮންސްޓްރަކްޝަނުން ހަވާލުވުމުގައި ދޭންޖެހޭ އެއްބާރުލުން ޕްރިމިއާ ޕްރޮޕަޓީ އިން ދޭނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އަމިން އެވެނިއުގެ މެއިންޓަނަންސް ބެލެހެއްޓުން އެ ކުންފުނިން ހުއްޓާލިއިރު، މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި އޭގެ ޖޫރިމަނާ ހޯދަން ކޯޓަށް ދާނެ ކަން އެ ކުންފުނިން ކުރިން އޮތީ އެޕާޓްމެންޓްތަކުގެ ވެރިންނަށް އަންގައިފަ އެވެ.