ފޮރެސްޓް ސިޓީ އަށް ބޭރު މީހުންނަށް މަރުހަބާ ކިޔަން: ޗީފް މިނިސްޓަރު
ފޮރެސްޓް ސިޓީ އަށް ބޭރު މީހުންނަށް މަރުހަބާ ކިޔަން: ޗީފް މިނިސްޓަރު

ޖޯހަރު (ސެޕްޓެމްބަރު 4) - މެލޭޝިއާގައި އަލަށް ހަދާ 100 ބިލިއަން ޑޮލަރުގެ ފޮރެސްޓް ސިޓީގައި ބޭރު މީހުން އިންވެސްޓްކޮށް ބިމާއި ފްލެޓް ގަތުމަށް މަރުހަބާ ކިޔާ ކަމަށް ޖޯހަރު ސްޓޭޓުގެ ޗީފް މިނިސްޓަރު އުސްމާން ސަޕިއަން މިއަދު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ޖޯހަރް ސްޓޭޓުގައި ހަތަރު ރަށް ހިއްކައިގެން ހަދާ ފޮރެސްޓް ސިޓީ ނުވަތަ "އިކޯ-ސިޓީ" އަމާޒުކޮށްފައި ވަނީ 700،000 މީހުންގެ އާބާދީއަކަށެވެ.

ޖޯހަރު ސްޓޭޓުގެ ޗީފް މިނިސްޓަރު މިއަދު ވިދާޅުވި ބަސްފުޅާއި މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ކުރިން ވިދާޅުވި ވާހަކަތައް ވަރަށް ތަފާތެވެ. ފޮރެސްޓް ސިޓީން ބޭރު މީހުންނަށް ބިން ނުގަނެވޭނެ ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އުސްމާން ވިދާޅުވީ ބޭރު މީހުންނަށް މެލޭޝިއާ އިން ބިން ގަނެވޭ ގޮތަށް ގާނޫނުތައް ހުއްދަ ކުރާ އިރު ފޮރެސްޓް ސިޓީން ވެސް ބޭރު މީހުންނަށް ބިން ގަނެވޭނެ ކަމަށް ޖޯހަރުގެ ސަރަހައްދީ ސަރުކާރުން ގަބޫލް ކުރާ ކަމަށެވެ.

"މެލޭޝިއާގައި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތައް ވެސް މައި ސަރުކާރުން ހިމާޔަތް ކޮށްދޭންޖެހޭނެ،" އުސްމާން ވިދާޅުވި އެވެ.

ފޮރެސްޓް ސިޓީ ހަދަނީ ޗައިނާ އަށް ނިސްބަތްވާ ރިއަލް އެސްޓޭޓް ކުންފުނި ކަންޓްރީ ގާޑަން އިންނެވެ. އެ ކުންފުނީގައި ޖޯހަރުގެ ސުލްތާނުގެ ހިއްސާ ވެސް އޮވެ އެވެ. ފޮރެސްޓް ސިޓީ ނިންމަން އަމާޒު ހިފާފައި ވަނީ 2035 ވަނަ އަހަރު އެވެ.

މެލޭޝިއާގެ ކުރީގެ ސަރުކާރުން އެ ސިޓީ ހަދަން ފެށީ ޗައިނާގެ މުއްސަނދިންނަށް އަމާޒުކޮށްގެން ކަމަށްވެ އެވެ. ނަމަވެސް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ފޮރެސްޓް ސިޓީން ބިމާއި ފްލެޓް ގަންނަން ޖެހޭނީ މެލޭޝިއާ މީހުން ކަމަށެވެ.

ފޮރެސްޓް ސިޓީން މިހާތަނަށް ބިން ގަތް މީހުންގެ ތިންބައިކުޅަ ދެބަޔަކީ ޗައިނާ މީހުންނެވެ. މެލޭޝިއާ މީހުންގެ ނިސްބަތަކީ ފަސްބައިކުޅަ އެއްބައެވެ. އިތުރު 22 ގައުމެއްގެ މީހުން ވެސް ވަނީ އެ ސިޓީން ޕްރޮޕަޓީތައް ގަނެފަ އެވެ. އޭގެ ތެރޭގައި ވިއެޓްނާމް، އިންޑޮނީޝިއާ އަދި ސައުތު ކޮރެއާ ހިމެނެ އެވެ.

މަހާތިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ގެންދަވަނީ މެލޭޝިއާގައި ޗައިނާގެ ނުފޫޒް ކުޑަކުރަން މަސައްކަތް ކުރައްވަމުންނެވެ. ޗައިނާގެ އެހީގައި ކުރީގެ ސަރުކާރުން ހިންގަން ފެށި ދެ މަޝްރޫއެއް މަހާތިރު ވަނީ ހުއްޓުވައިފަ އެވެ. އެ ދެ މަޝްރޫއުގެ އަގު 22 ބިލިއަން ޑޮލަރަށް އަރަ އެވެ.