ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސްރީ ލަންކާގެ ފަންނާނު، ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒަކީ މިހާރު ބޮލީވުޑްގައި އެންމެ ވިދަމުން އަންނަ އެއް ބަތަލާ އެވެ. އޭ ލިސްޓް އެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުގެ އިތުރުން، އޭނާ އަށް އަންނަނީ ބޮޑެތި ޕްރޮޖެކްޓްތައް ވެސް ހުށަހަޅުންނެވެ.

ދާދި ފަހުން ރިލީޒް ކުރި "ރޭސް 3" އަށް ފަހު، ޖެކްލިން މިހާރު އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ޑްރައިވް" ގެ މަސައްކަތް ކުރަމުންނެވެ. ތަރުން މަންސުކާނީ ޑައިރެކްޓްކުރާ މި ފިލްމުން އޭނާ ފެނިގެން ދާނީ ސުޝާންތު ސިންގް ރާޖްޕޫތުއާ އެކުގަ އެވެ.

ކާތިކް އަރިޔަން ބަތަލުގެ ރޯލް ކުޅޭ ފިލްމް ކަންނާޑާ ފިލްމް "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން އިއުލާން ކުރި ހިސާނބުން ފެށިގެން ވެސް މި ފިލްމްގެ ބަތަލާގެ ރޯލުން ޖެކްލިން ފެނިދާނެ ކަމުގެ އަޑުތައް އެރި އެވެ. އެކަން މިހާރު މިއޮތީ ކަށަވަރުވެފަ އެވެ.

ޒުވާން ބަތަލާ ފިލްމަށް ސޮއިކުރުމަށް ފަހު ބުނީ ކާތިކްއާ އެކު މަސައްކަތްކޮށްލަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި ފިލްމުން އޭނާ އަށް ލިބުނު ރޯލް ވަރަށް ހާއްސަ ކަމަށް ވެސް ޖެކްލިން ބުންޏެވެ.

"ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން ޑައިރެކްޓް ކުރަނީ ނެޝަނަލް އެވޯޑް ހޯދާފައިވާ އަބީޝެކް ޖެއިން އެވެ. ފިލްމްގެ ޕްރޮޑިއުސަރަކީ އަޖޭ ކަޕޫރެވެ. އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިންގެ ޝޫޓިން އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަޖު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ފިލްމް ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން، އެ ފިލްމްގެ ޕްރޮޑިއުސަރުން ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ އަށް ހަދިޔާއަކަށް މާސިޑީޒް ބެންޒް ކާރެއް ދީފި އެވެ.

އުންމީދު ވެސް ނުކުރާ ވަރުގެ ހަދިޔާއެއް ލިބުމުން އޭނާ ވަނީ ޓްވިޓާގައި ފިލްމްގެ ޕްރޮޑިއުސަރުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. މިލަޕް ބުނި ގޮތުގައި މި ހަދިޔާއަކީ ކުރިއަށް ދާން ލިބުނު ހިތްވަރެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު ކުރާ މަސައްކަތް ދައްކުވައި ދޭ އެކްޝަން ތުރިލާ "އެސްއެމްޖޭ" އަކީ މިލަޕް ލިޔެ، ޑައިރެކްޓް ކުރި އަދި އަހަރުގެ އެންމެ ފައިދާ ބޮޑު އެއް ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ދެވަނަ ބައެއް ގެނެސް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ކުރީގެ ބަތަލާ އަދި އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ކަންނާ ލިޔުނު ތިން ވަނަ ފޮތް ނެރެން ތައްޔާރުވެއްޖެ އެވެ. މި ފަހަރުގެ ފޮތަށް ދީފައިވާ ނަމަކީ "ޕިޖާމާސް އާ ފޮގިވިން" އެވެ.

ހެއްވާ މަޖާ ގޮތަކަށް ލިޔުންތައް ގެނެސްދޭ ލިޔުންތެރިއެއްގެ ގޮތުގައި މިހާރު މަޝްހޫރު ޓްވިންކަލް އެންމެ ފަހުން ނެރުނީ މިދިޔަ އަހަރު ނެރުނު "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" އެވެ.

އަކްޝޭ ލީޑް ރޯލް ކުޅެ ފެބްރުއަރީ މަހު ނެރުނު "ޕެޑްމޭން" އަކީ އެ ފޮތުގައި ހިމެނޭ ކުރު ވާހަކައަކަށް ބިނާކޮށް އާރްބީ ބަލްކީ، ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރި ފިލްމެކެވެ. "ޕިޖަމާސް އާ ފޮގިވިން" ނެރެން ތައްޔާރުވަމުން ދިޔަ ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ. ނަމަވެސް މިހާރު އެމެޒޯން އިން ޕްރި-އޯޑަ ކުރެވޭނެ އެވެ.

މި ފަހަރުގެ ފޮތް ރަސްމީކޮށް ލޯންޗްކޮށް ދޭނީ "ޕެޑްމޭން" ގެ އެއް ބަތަލާ ސޯނަމް ކަޕޫރެވެ.

"ބަރްސާތު"، "ބާދްޝާހް" އަދި "ޖާން" ފަދަ ފިލްމްތައް ކުޅެފައިވާ ޓްވިންކަލް އެންމެ ފުރަތަމަ ނެރުނު ފޮތަކީ 2015 ގެ "މިސިޒް ފަނީބޯންސް" އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަން އޭނާގެ ކާމިޔާބު ދެ ފިލްމެއްގެ ދެވަނަ ބައި އިއުލާން ކުރަން ތައްޔާރުވެއްޖެ އެވެ. މީގެ ތެރެއިން އެއް ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ހޮރޯ/ކޮމެޑީ "ސްޓްރީ" އެވެ.

ދިނޭޝް ބުނި ގޮތުގައި މި ފިލްމްގެ ދެވަނަ ބައިގެ މަަސައްކަތް އަންނަ އަހަރު ފަށާނެ އެވެ. "ސްޓްރީީ" އަކީ އަމަރް ކޯޝިކްގެ ޑައިރެކްޝަނެކެވެ. ފިލްމްގެ ތަރިންނަކީ ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރެވެ.

ދިނޭޝް ދެވަނަ ބައެއް ހަދަން ނިންމާފައި ދެވަނަ ފިލްމަކީ މިދިޔަ އަހަރު އޭނާގެ މެޑޮކް ފިލްމްސް އިން ގެނެސް ދިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ހިންދީ މީޑިއަމް" އެވެ. މި ފިލްމަކީ އިރްފާން ހާނާއި ޕާކިސްތާންގެ ބަތަލާ ސަބާ ގަމަރް ލިޑް ރޯލް ކުޅުނު ފިލްމެވެ.

"ހިންދީ މީޑިއަމް" ގެ ދެވަނަ ބަޔާ ބެހޭ ގޮތުން ދިނޭޝް ބުނީ ފިލްމްގެ މަސައްކަތް ފެށޭނެ އިރެއް ނޭނގޭ ކަމަށެވެ. ސަބަބަކީ އިރްފާން ކެންސަރުގެ ނާދިރު ބައްޔަކަށް މިހާރު ގައުމުން ބޭރުގައި ފަރުވާ ހޯދާތީ އެވެ. ދިނޭޝް ބުނި ގޮތުގައި އިރްފާން ހިމަނައިގެން ނޫނީ އެ ފިލްމްގެ ދެވަނަ ބައެއް ނަހަދާނެ އެވެ.

"ހިންދީ މީޑިއަމް" އިން އިރްފާނަށް ވަނީ މި އަހަރުގެ އައިފާގެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ސަކެޓް ޗައުދަރީ އެވެ. "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.