އިއްބެގެ މަރާގުޅިގެން ހޯދި މީހާ ފުލުހުންނާ ހަވާލުވެއްޖެ
އިއްބެގެ މަރާގުޅިގެން ހޯދި މީހާ ފުލުހުންނާ ހަވާލުވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އިބްރާހިމް އާގިލް (އިއްބެ) ގެ މަރުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ، ރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ފުލުސް އޮފީހުން ބުނީ އިއްބެގެ މަރުގެ ތުހުމުގައި އިއްޔެ ހޯދަން އިއުލާން ކުރި، ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު ރޭ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން އިއްބެ އަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ހަމްދޫން ހަމްޒަތު ފިޔަވައި އިތުރު މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 18 އަހަރުގެ އެ ޒުވާނާ މަރާލީ، މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައި ތަނުންނެވެ.

ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް އިއްބެ ފޭބިއިރު އޭނާއަށް ހަމަލާދިނުމަށް އެ ވަގުތު އެތަނުގައި މީހުން ތިބި ކަމަށް "މިހާރު"އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

"ހަމަ އައިސް ފޭބިތަނާ އެ މީހުން އެ ހަމަލާ ދިނީ. މެއަށް ވަޅި ހަރާ ހަމަލާ ދިނީ. ބޮޑަށް ބެލެވެނީ އުޅޭތަން ބަލައި ފާރަ ލައިގެން ތިބެ މާލެ އައިތަނުން ކުރި ކަމަކަށް،" އޭނާ ބުންޏެވެ.

އިއްބެ މަރައިލީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގައި ގްރޫޕްތަކުން ސިލްސިލާ މާރާމާރީތަކެއް ހިނގަމުން ދަނިކޮށެވެ. މާރާމާރީތައް ހިންގާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން އޮތީ ދީފަ އެވެ.