04 ސެޕްޓެމްބަރ 2018 - 12:34

މެޑްރިޑް (ސެޕްޓެމްބަރު 4) – ސްޕެނިޝް ލީގުގައި ވާދަކުރާ ރެއާލް ވަލަޑޮލިޑުގެ 51 ޕަސެންޓް ހިއްސާ ގަނެ އެ ކްލަބުގެ ކޮންޓްރޯލް ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ނަގައިފި އެވެ.
"ރޮނާލްޑޯ އައުމާ އެމު ރެއާލް ވަލަޑޮލިޑުގެ ނަން ޗާޓަށް އަރާނެ. އަދި ފެންވަރުގެ ގޮތުން ކުރިއަށް ފިޔަވަޅުތަކެއް އަޅަން ފުރުސަތު ލިބިގެންދާނެ،" ކްލަބުގެ ރައީސް ކާލޯސް ސުއަރޭޒް ވިދާޅުވި އެވެ.
ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ފޯވާޑް ބުނީ ދެފުށް ފެންނަ ގޮތަށް ކްލަބް ހިންގައި ބޮޑެތި ބަދަލުތަކެއް ގެނެސް ވާދަވެރި ޓީމަކަށް އެ ކްލަބް ހަދާނެ ކަމަށެވެ.
ވަލަޑޮލިޑުގެ ކުރީގެ ރައީސް ހޯސޭ މޯރޯ އަކީ ރޮނާލްޑޯގެ ކުރީގެ ވިޔަފާރި ޕާޓްނަރެކެވެ. ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ވަނީ ސްޕެއިން ނުވަތަ އިންގްލެންޑުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ގަންނަން ޝައުގުވެރިވާކަން ޖެނުއަރީ މަހު އިއުލާންކޮށްފަ އެވެ. އޭރު ވަލަޑޮލިޑް އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު މި ފަހަރު ކޮލިފައިވީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އާ ސީޒަނުގައި ވަލަޑޮލިޑް ކުޅުނު ފުރަތަމަ މެޗުގައި ޖިރޯނާއާ 0-0 އިން އެއްވަރުވިއިރު ދެ ވަނަ މެޗުން ބާސެލޯނާ އަތުން 1-0 އިން ބަލިވީ އެވެ. އެ މެޗުގައި އެ ޓީމުގެ ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާ ފާޑުކިއުން އަމާޒުވެ މިހާރު އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.
ފުޓްބޯޅަ ކެރިއަރު 2011 ވަނަ އަހަރު ނިންމާލި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ފަހަކަށް އައިސް ބޮޑަށް ފެންނަނީ އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑާއި ފީފާގެ އެމްބެސެޑަރެއްގެ ރޯލުންނެވެ.
ރޮނާލްޑޯ ވަނީ ބްރެޒިލާ އެކު 1994 އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް ދެ ފަހަރެއް ކޮޕާ އެމެރިކާ ވެސް ދެ ފަހަރު އުފުލާލައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ ދެ ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ މެޑްރިޑުގެ އިތުރުން ބާސެލޯނާ، އިންޓަ މިލާން އަދި އޭސީ މިލާނަށް ކުޅެފަ އެވެ. ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކަކުލަށް ސީރިއަސް އަނިޔާތަކެއްވެ، މުހިއްމު އުމުރެއްގައި ތިން ސީޒަން ގެއްލުނު ނަމަވެސް އޭނާ އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑެވެ.