މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފި
މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފި

މިދިޔަ އަހަރުގެ މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން މިއަދު ބަހަން ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަކާތް ބެހުމުގެ ކަންތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އިސްލާމީ މަރުކަޒު ހޯލުން ޒަކާތް ދޫކުރާނެ އެވެ.

އެ އިއުލާނުގައިވާ ގޮތުގައި މާލެ، އައްޑޫ، ފުވައްމުލައް އަދި ގދ ތިނަދޫން ޖުމްލަ 3302 ފަގީރުންނަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވެ އެވެ. އަދި އެހެން ރަށްރަށުގައި ޖުމުލަ 9992 ފަގީރުންނަށް މިދިޔަ އަހަރުގެ ޒަކާތް ބަހާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

މީހަކަށް 1،000ރ.ގެ ރޭޓުން ޒަކާތް ބެހުމަށް ހަމަޖެހިފައިވާ އިރު އެ ރަށެއްގައި ފަގީރުން އުޅޭ ނިސްބަތުން، ޒަކާތުގެ ފައިސާ ފޮނުވާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.