05 ސެޕްޓެމްބަރ 2018 - 07:28

ދާދި ފަހުން އިންޑިއާގެ ކެރެލާ ސްޓޭޓަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، އޮސްކާ ހާސިލުކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިޝަން އޭއާރް ރަހްމާން އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.
ކެރެލާގެ ޗީފް މިނިސްޓާ ރިލީފް ފަންޑް (ސީއެމްއާރްއެފް) އަށް ރަހްމާން ބޮޑު އަދަދެއް ހަދިޔާކުރީ އުތުރު އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކުރިއަށް ގެންދިޔަ ޓުއާއެއްގައި ލިބުނު ފައިސާ އިންނެވެ. އަދި ފަންޑަށް އެހީވިކަން ރަހްމާން ވަނީ ޓްވީޓެއްގައި ބުނެފަ އެވެ.
ކެރެލާ ފެނުއަޑި އަށް ދިޔަ ހާދިސާއާ ގުޅިގެން އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީ އާއި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވެސް އެކި އަދަދުތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.
ފެންބޮޑުވި ހާދިސާއާ ގުޅިގެން މިހާތަނަށް 483 މީހުން މަރުވެފައިވާ އިރު، 14 މީހަކު ގެއްލިފައިވެ އެވެ.