04 ސެޕްޓެމްބަރ 2018 - 11:04

ބާސެލޯނާ (ސެޕްޓެމްބަރު 4) – ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމުން ހައިރާންކަން ލިބުނު ކަމަށާއި އެކަމަކު އޭނާއާ އެކު މިހާރު ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ޔުވެންޓަސް ކަމަށް ބާސެލޯނާގެ ލިއޮނަލް މެސީ ބުނެފި އެވެ.
ރޮނާލްޑޯ މެޑްރިޑް ދޫކޮށްލުމާ އެކު އޭނާ އާއި މެސީގެ ވާދަވެރިކަން ނިމުނީ ކަމަށް އެއް ބަޔަކު ދެކެ އެވެ. މެސީ ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވާތީ، އޭނާ ނެތުމުން މެޑްރިޑުގެ ވަރުގަދަ ކަމަށް ކޮންމެވެސް ވަރަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
"މިހާރު ޔުވެންޓަސްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމުން ޗެމްޕިއަންސް ލީގުގެ ސާފު ފޭވަރިޓަކީ އެ ޓީމު. އޭނާގެ އެ ނިންމުމުގެ ސަބަބުން އަހަންނަށް ހައިރާންކަން ލިބުނު. އަހަރެން ހިޔެއް ނުކުރަން އޭނާ ރެއާލް މެޑްރިޑް ދޫކޮށްލަފާނެ ކަމަށް ނުވަތަ ޔުވެންޓަސްއާ ގުޅިދާނެ ކަމެއް. އެއީ ވަރަށް ރަނގަޅު ޓީމެއް،" މެސީ ބުންޏެވެ.
ރޮނާލްޑޯ ގެނެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޔުވެންޓަސް އަމާޒު ހިފާފައިވާއިރު ބާސެލޯނާގެ ވެސް މައިގަނޑު ޓާގެޓަކީ ކުރު މެދުކެނޑުމަކަށް ފަހު އެ މުބާރާތުގެ ތަށި ހޯދުމެވެ. މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ރޯމާ އަތުން ބަލިވެގެންނެވެ.
"މިހާރު ތިން އަހަރު އަހަރެމެން ކުއާޓާ ފައިނަލުން ކަޓައިފި. އެކަމަކު މެޗު ދިޔަ ގޮތަށް ބަލާއިރު އެންމެ ހިތްދަތިވީ މިދިޔަ ސީޒަނުގައި. އަހަރެމެން މި ފަހަރު އަމާޒުކުރަން ޖެހޭނީ ތަށްޓަށް. އަހަރެމެންނަށް އެކަން ކުރެވޭނެ،" މެސީ ބުންޏެވެ.