04 ސެޕްޓެމްބަރ 2018 - 11:09

ކޮލަމްބޯ (ސެޕްޓެމްބަރު 4) - ލަންކާގެ އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް އޮޕޮޒިޝަން (ޖޭއޯ) އިން މާދަމާ ކޮލަމްބޯގައި ބާއްވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދރިކަލުން ނަމާލް ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
"އިދިކޮޅުން ބާއްވާ އިހްތިޖާޖުގެ ހިނގާލުން އިންތިޒާމްކޮށްފައި ވަނީ އާއްމުންނާއި ސަރުކާރުގެ ތަންތަނަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް،" ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަމުން ނަމާލް ވިދާޅުވި އެވެ.
ޕާލަމެންޓުގައި ވެސް ހިމެނިވަޑައިގަންނަވާ ނަމާލް ވިދާޅުވީ ޖޭއޯގެ މުޒާހަރާގެ ސަބަބުން އާއްމުންނަށް ގެއްލުންވާނެ ކަމަށް ބުނެ ސަރުކާރުން ދަނީ ދޮގު ޚަބަރު ފަތުރަމުން ކަމަށެވެ.
"މި މުޒާހަރާއާ ހެދި ސަރުކާރުން ވަރަށް ކަންބޮޑުވެއްޖެ. ސަބަބަކީ މިއީ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އިހްތިޖާޖެއް. އެހެންވެ ސަރުކާރުން އުޅެނީ މި މުޒާހަރާ އަށް ހުރަސް އަޅައި ހަމަނުޖެހުންތައް ހިންގަން،" ނަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން ބާއްވާ މުޒާހަރާގެ މައިގަނޑު ބޭނުމަކީ ސަރުކާރު ބަދަލުކޮށް އާއްމު އިންތިޚާބަކަށް ފުރުސަތު ހޯދުން ކަމަށެވެ.
ޕާލަމެންޓް މެންބަރެއް ކަމަށްވާ ކަންޗަނާ ވިޖެސެކަރާ ވިދާޅުވީ މުޒާހަރާގައި ވަކި ޕާޓީއަކަށް ނުބަލައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
"މިއީ ސަރުކާރާ ދެކޮޅު އެންމެންނަށް ބާއްވާ މުޒާހަރާއެއް. މިއީ އާ ސަރުކާރެއް ގެންނަން ބޭނުންވާ މީހުންނަށް ބާއްވާ މުޒާހަރާއެއް. އެހެންވެ މުޒާހަރާގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ. އެކަމަށް ހުރަހެއް ނެތް،" ވިޖެސެކަރަ ވިދާޅުވި އެވެ.