04 ސެޕްޓެމްބަރ 2018 - 10:43

ޒިއުރިކް (ސެޕްޓެމްބަރު 4) – ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް، ޔުއެފާގެ އެވޯޑަށް ވެސް ވާދަކުރި ތިން ކުޅުންތެރިން ކަމަށްވާ ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިވަޕޫލުގެ މުހައްމަދު ސަލާހް ނޮމިނޭޓްވެއްޖެ އެވެ.
ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޮޑްރިޗް ވަނީ ކްރޮއޭޝިއާއާ އެކު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކޮށް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. އަދި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނެވެ. ރޮނާލްޑޯ ވަނީ މޮޑްރިޗާ އެކު މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް އެހާމެ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ދެން ހިމެނޭ ލިވަޕޫލުގެ ސަލާ ވަނީ ސީޒަނުގައި 44 ގޯލް ޖަހައި އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދީފަ އެވެ.
ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް އަދި ޗެމްޕިއަންސް ލީގުގައި ވެސް މޮޅު ކުޅުމެއް ދެއްކި ލިއޮނަލް މެސީ ނެތުމުން ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ރަފައެލް ވަރާނަކީ ވެސް ޝޯޓްލިސްޓް ވާން ޖެހޭ ކުޅުންތެރިޔެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.
ފީފާގެ ލެޖެންޑުންނާއި ތަޖުރިބާކާރުން ނޮމިނޭޓްކުރި 10 ކުޅުންތެރިންގެ ތެރެއިން އެވޯޑް ލިބޭ ކުޅުންތެރިޔާ ކަނޑައަޅާނީ ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ގައުމީ ކޯޗުންނާއި ކެޕްޓަނުންނާއި ކުޅިވަރު ނޫސްވެރިން އަދި ސަޕޯޓަރުންގެ ވޯޓުންނެވެ. ކޮންމެ ގްރޫޕެއްގެ މާކްސް އިން 25 ޕަސެންޓް ނަގާނެ އެވެ. އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 24 ގައި ލަންޑަނުގަ އެވެ.
އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިޑިއޭ ޑިޝޯމްޕްސް އާއި މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާން އަދި ކްރޮއޭޝިއާ ވޯލްޑް ކަޕުގެ ފައިނަލަށް ގެންގޮސްދިން ލަޓްކޯ ޑަލިޗެވެ. އެއް ވަނަ ގޯލްކީޕަރުގެ މަގާމަށް ޝޯޓްލިސްޓްވީ ފްރާންސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ހޫގޯ ލޮރިސް އާއި ޑެންމާކާއި ލެސްޓާ ސިޓީގެ ކެސްޕާ ޝުމައިކަލް އަދި ބެލްޖިއަމާއި ރެއާލް މެޑްރިޑުގެ ތިބައޫ ކޯޓުއާ އެވެ.