05 ސެޕްޓެމްބަރ 2018 - 08:55

އާދިއްތަ ދުވަހާ ގުޅޭ
އެއީ ރަތްގޮޅިޖެހި، އަތްދިގު ގަމީހެކެވެ. ގަމީސް ނަގައިފައި ޖިނާގެ ގައިގައި ޖައްސައިލިއެވެ. ވަރަށް ހެޔޮވަރެވެ.
"ޒޫނާ!" ޖިނާ ގޮވައިލިއެވެ. ޒޫނާ ބަލައިލުމުން ގަމީސް ދައްކައިލައިފައި އެހިއެވެ. "ސަޅިތަ؟"
ޒޫނާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. މާޒީގެ ކުލަ ފޮޓޯތައް ވައިގެތެރެއަށް ވިއްސިވިހާލިވެގެންދިޔައެވެ. ކޮންމެ ފޮޓޯއެއްގައި ކަހަލަ ގޮތަކަށް ޖިނާ ހުއްޓެވެ. ރަތް ގޮޅިޖެހި ގަމީހުގައެވެ. ޒޫނާ ކެތްތެރިކަމާ އެކުގައި އަމިއްލަ ނަފުސު ކޮންޓުރޯލުކޮށްލިއެވެ.
"އަޅެ ލާބަލަ!" ޖިނާ ގާތަށް އަންނަމުން އޯގާތެރިކަމާ އެކުގައި ޒޫނާ ބުންޏެވެ. "ހަނދާންއެބަހުރިތަ؟ އެންމެ ފުރަތަމަ އަހަރެން ޖިނާ ދުށީ ވެސް ހަމަ ތި ކަހަލަ ގަމީހެއް ލައިގެން ހުއްޓާ!"
"އެ ރޭމަތިން އަހަރެން ދުވަހަކު ވެސް.." ޖިނާއަށް ބުނެވުނީ އެ ހިސާބަށެވެ.
"ރެޔޭ؟" ޒޫނާ އެހިއެވެ. "ދުވާލެއްނު ފެނުނީ. އޭރު އަހަރުމެން ތިބީ މާލޭގަ. ސާބަހޭ!"
ޖިނާއަށް އޮޅުނީއެވެ. ކުޑަ ވަގުތުކޮޅަކަށް ހަނދާންނެތުނީއެވެ. ޒޫނާއަށް ފުރަތަމަ ފެނުނީ ޖިންނިއެއް ނޫނެވެ. އޮޅުވާލުމަށް ޓަކައި ގަމީސް ހިފައިގެން ޖިނާ ދިޔައީ އަންނައުނު ހެޔޮވަރުތޯ ބަލަން ވަންނަ ތަނަށެވެ. އެ ވަގުތު ޒޫނާ ބޭނުންވި ކަހަލަ ހެދުމެއް ލޮލުގައި އަޅައިގަތުމުން ޒޫނާ ހިނގައިގަތީ އެ ދިމާއަށެވެ. ގަމީސް ހިފައިގެން އެތެރެއަށް ވަދެފައި ޖިނާ ދޮރެއް ނުލައްޕައެވެ. ގަމީސް ލީ، ލައިގެން ހުރި ގަމީސް މަތިންނެވެ. ގޮށްތައް އަޅުވައިލައިފައި ފަރިވެލިއެވެ. ޖިނާއަށް ހުރެވުނީ ލޯގަނޑު ކުރިމަތީގައެވެ. އެހެންނަމަވެސް އޭރަކު ލޯގަނޑުން ޖިނާއެއް ނުފެނެއެވެ.
"ކޮބާ ހެޔޮވަރުތަ؟" ޒޫނާގެ އަޑު އިވުނީ ތަންކޮޅެއް ގާތުންނެވެ.
ޖިނާ ލޯގަނޑުގައި އަތްހާކައިލިއެވެ. ހީވީ ފެންގަނޑެއްގައި ޖިނާގެ އަތްޖެހުނުހެންނެވެ. މުޅި ލޯގަނޑުގައި ރާޅުބާންޏެއް ދުވެލިއެވެ. ޖިނާގެ ސޫރަ ލޯގަނޑުން ފާޅުވީ އޭގެ ފަހުންނެވެ. އެ ހުރިހާ މަންޒަރެއް، އެ ތަން ބަލަހައްޓައިގެންހުރި ކުޑަކުއްޖާއަށް ފެނުނެވެ. ޖިނާއަށް އެ ކަން ވިސްނުނެވެ.
"ސަޅިތަ؟" ޒޫނާ އެ ތަނަށް އައިސްފައި ބުންޏެވެ.
"މިހިރީ!" އަރިޔަކަށް ހުއްޓިލަމުން ޖިނާ ބުންޏެވެ. "ގޮތެއް އެބަހުރި ދޯ؟"
"އަވަހަށް ތި ހިފައިގެން އާދޭ!" ހިނިތުންވެލައިފައި ޒޫނާ ބުންޏެވެ. "އަދި އެބަޖެހޭ އެހެން ފިހާރަޔަކަށް ވެސް ވަންނަން."
ޒޫނާ ދިޔުމުން ޖިނާ ގަމީސް ބޭލިއެވެ. ލޯގަނޑުން ފެނުނު ޖިނާގެ ސޫރަ އިސާހިތަކު ގެއްލުނެވެ. އޭރު ވެސް ކުޑަކުއްޖާ ކަޅިޖަހައި ނުލައި ބަލަން ހުއްޓެވެ. ޖިނާ އަތްހޫރައިލިއެވެ. އެ ކުއްޖާ ވެސް އެފަދައިން ޖަވާބުދިނެވެ. ހިނިތުންވެލައިފައި ޖިނާ ދިޔައީއެވެ.
މެންދުރުވަގުތު ޖެހެމުން އައިއިރު ޒޫނާ އިނީ މަސްކޮށާށެވެ. ޝާޒްލީ ކަންފަތުގައި ފޯނު ޖައްސައިގެންހުރެ ކޮޓަރިން ނުކުތެވެ.
"ދެން ފޯނުނަގާބަލަ!" ހިތާހިތުން ޝާޒްލީ ބުންޏެވެ.
ޢަލީ ފޯނު ނުނެގުމުން އެންމެ ފަހުން ފޯނު ކެނޑުނެވެ.
"ދައްތާ!" ޝާޒްލީ ބުންޏެވެ. "ޖޫޑީ ދުށިންތަ؟ ހާދަ ހޯދައިފީމޭ!"
"ނޫން! އަހަރެން ވެސް ހިތަށްއަރައިފި މިއަދު ބުޅާ ކޮބައިބާއޭ!" ޒޫނާ ޖަވާބުދިނެވެ. "ކާކުތަ ފޯނު ނުނަގައިގެން ތި އުޅެނީ؟"
"ވަރަށް ފޫހި ވައްތަރަކަށް އުޅޭ މީހެއް." ސޯފާއަށް ފޯނު އެއްލަމުން ޝާޒްލީ ބުންޏެވެ.
"ފޯނު ދޯ ކުށްވެރި މި ވީ!" ސަމާސާ ރާގެއްގައި ޒޫނާ ބުންޏެވެ.
"މިހާރު އެއް ހާސް ފަހަރު ގުޅައިފިން! މެސެޖު ފޮނުވާފޮނުވާ ވަރުބަލިވެއްޖެ!" ޝާޒްލީ އައިސް ޒޫނާ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. "ފޯނު ކާލަންވީ!"
"މި އުޅެނީ ވަރަށް މީރު މަހެއް ހަދަންވެގެން. ކޮންމެހެން ފޯނު ކާނެކަމެއް ނެތް،" ވަޅި ދޮވެލައިފައި އަތް ވެސް ދޮންނަމުން ޒޫނާ ބުންޏެވެ. "މިއަދު ބުޅަލަށް ކާންދީފިންތަ؟"
"އެ ޖޫޑީގަނޑު ވެސް މިއަދު ނޭނގެ ވަންތަނެއް ވެސް،" ބުޅަލަށް ދެ ފަހަރަކު ގޮވައިލައިފައި ޝާޒްލީ ބުންޏެވެ. "ޖޫޑީ! ޖޫޑީ!"
ބުޅަލެއް ނައެވެ. އެ ވަގުތު ޝާޒްލީގެ ފޯނު ރަނގަބީލުވިއެވެ. ޢަލީގެ ކޯލެއްކަމަށް ހީކޮށް ދުވެފައި ގޮސް ފޯނު ނެގިއިރު އަރައިފައިއޮތީ ދަންނަ ނަންބަރެއް ނޫނެވެ. އެހެންނަމަވެސް ދެކެފަރިތަ ނަންބަރެކެވެ. ޝާޒްލީ ފޯނު ކަނޑައިލިއެވެ. އަދި އެ ނަންބަރުން ދެން ޝާޒްލީއަށް ނުގުޅޭ ގޮތް ހެދިއެވެ.
"މި މީހާ ކައިރީގަ ވެސް ކިތައް ފަހަރު ބުނެފިން މީ ކަތްދައްތަގެ ނަންބަރެއް ނޫނޭ!" ރުޅިއައިސްފައި ޝާޒްލީ ބުންޏެވެ. "އެކަމަކު ކޮންމެ ދުވަހަކު ދެ ފަހަރަށް އެބަ ގުޅައޭ."
ޒޫނާ ހެމުންހެމުން ގޮސް އައިސްއަލަމާރި ހުޅުވައިލިއެވެ. ފަޒޭލު ކޮޓަރިން ނުކުތެވެ.
"ރުޅިމަޑު!" ޒޫނާ ބުންޏެވެ.
"ހަމަ ހުވާ!" ޝާޒްލީ ފޯނު ބާއްވަމުން ބުންޏެވެ. "ޖޫޑީ! ޖޫޑީ!"
އެއްވެސް ވާހަކައެއް ނުދައްކައި ފަޒޭލު ނުކުމެގެން ދިޔައީއެވެ. ޝާޒްލީ ގޮނޑީގެ ތަންދޮށް ބެލިއެވެ. އާންމުކޮށް ބުޅާ ވަދެއޮންނާނެހެން ހީވާ ހުރިހައި ތަނެއް ބެލިއެވެ. ނުފެނުނެވެ. އަނެއްކާ ވެސް ޝާޒްލީގެ ފޯނު ރަނގަބީލުވިއެވެ. އެ ފަހަރު ޝާޒްލީގެ މޫނުމަތިން ފާޅުވީ އުފާވެރިކަމެވެ. ދެވަނަ ސިކުންތުގައި ރުޅިވެރިކަމަށް ބަދަލުވިއެވެ. އަވަސްއަވަހަށް ފޯނު ނެގިއެވެ.
"ކީއްކުރަން ތި ގުޅީ؟" ފޯނު ނަގައިފައި ޝާޒްލީ ބުންޏެވެ.
"މީ މަށޭ!" ޒުލްފާ ވާހަކަދެއްކިއެވެ. "ބޭބެ ބުނީ ބުނާށޯ ނުގުޅާށޭ!"
"ކީއްވެތަ އޭނައަށް ތިހެން ބުނަން ނުކެރިގެން އެ އުޅެނީ؟" ކުރިޔަށް ވުރެ ބޮޑަށް ރުޅިއައިސްފައި ޝާޒްލީ ބުންޏެވެ. "ފިނޑިޔަސް ބޮޑުވަރު ދޯ!"
"ދެން ތި ދެ މީހުންގެ ދެމެދަށް މަ ނުވައްދަބަލަ!" ހީނގެންފައި ޒުލްފާ ބުންޏެވެ. "އަން! ބޭބެ އަމިއްލައަށް ވާހަކަދައްކާ!"
ޒުލްފާ އެހެން ބުނި ވަގުތު ފަޒޭލު ދޮރު ހުޅުވައިލިއެވެ.
"ޝަޒޫ! ވަރަށް އަވަހަށް އައިސްބަލަ!" ހާސްވެފައި ފަޒޭލު ބުންޏެވެ. "ޖޫޑީ އެބައޮތް މަރުވެފަ!"
ފޯނު އެއްލައިލެވުނު ދިމާއެއް ވެސް ޝާޒްލީއަކަށް ނޭނގެއެވެ. ތެޅިފޮޅިގަނެވުނެވެ. ކުރަން ހުރި ކަންތައް ބަހައްޓައިފައި ޒޫނާ ވެސް އެ ދިމާއަށް ދިޔައެވެ. ބުޅާ ދެކެ ޝާޒްލީ ކިހާ ލޯބިވާކަމާއި، އެ ބުޅާ ގެންގުޅެނީ ކިހާ ވަރަކުންކަން ޒޫނާއަށް ވިސްނެއެވެ. އެންމެން ނުކުތީ ކުނިކޮތަޅުތައް ބަހައްޓައިފައިހުންނަ ތަނަށެވެ. އެ ތަނުގައި އޮތް ކަޅު ކޮތަޅަކަށް ފަޒޭލު އިޝާރާތްކޮށްލިއެވެ.
"ވަރަށް އަނިޔާކޮށްފަ އޮތީ!" ފަޒޭލު ބުންޏެވެ. "ހިނގާ މަގަށް އެއްލައިލައިފަ އޮއްވާ ފައިން ޖެހުނީމަ އަހަންނަށް ވެސް ބަލައިލެވުނީ. ޝަޒޫ ކޮތަޅު ނުބެލިއްޔާ ކަންނޭނގެ ރަނގަޅުވާނީ."
ފާޑަކަށް ގަބުވެފައި ހުރެގެން ކޮތަޅާ ދިމާއަށް ޝާޒްލީ ދިޔައެވެ. ޒޫނާ ގޮސް ޝާޒްލީ ހިފޭއްޓިއެވެ.
"ބަލާނެކަމެއް ނެތް!" ޒޫނާ އެދުނެވެ.
ޝާޒްލީ ރުޅިއައިސްފައި ޒޫނާގެ އަތް ފޮޅުވައިލިއެވެ.
"ކޮތަޅު ހުޅުވާ!" ފަޒޭލު ގާތުގައި ޝާޒްލީ ބުންޏެވެ.
ޒޫނާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމުން ފަޒޭލެއް ނުދިޔައެވެ. ޝާޒްލީ ގޮސް ކޮތަޅު ހުޅުވިއެވެ. އެތެރެ ބަލައިލިއެވެ. ކުއްލިއަކަށް އޯކަށްދެމެވުނެވެ. ހޮޑުނުލެވުނީ ހަމަ ކިރިޔާއެވެ. ޝާޒްލީއަށް ރޮވެން ފެށިއެވެ. ޒޫނާ ގޮސް ޝާޒްލީ އަތުން ކޮތަޅު އަތުލުމުން ޒޫނާ ގައިގަ ޝާޒްލީ ބައްދައިގަތެވެ. އަޑުގެކޮޅަށް ރޯން ފެށިއެވެ. މަންޒަރު ބަލަން ޖިނާ ހުރީ ތަންކޮޅެއް ދުރުގައެވެ. ޖިނާގެ މޫނުމަތިން ފެންނަނީ ޖެހިލުންކުޑަކަމާއި، ރަޙުމްކުޑަކަމެވެ.
"އަދި އެބައޮތް ހުސް ތިން ކޮތަޅު." މަޑުމަޑުން ޖިނާ ބުނެލިއެވެ.
ބުޅާ މަރާލީ ކާކު ހެއްޔެވެ؟ ދުވަހުގެ ބޮޑު ސުވާލަކީ އެއީއެވެ. އެއްބަޔަކު ޝައްކުކުރީ ޖެނީއަށެވެ. އަނެއްބަޔަކު ޖިނާއަށެވެ. އެހެންނަމަވެސް، އެކަކަށް ވެސް އެހެން ބުނާކަށް ނުކެރެއެވެ. ޝާޒްލީގެ ލޮލުން ކަރުނަ ނުހިކެއެވެ. އެއްޗެއް ނުދިރުނެވެ. އެނދުގައި އޮށޯތް ގޮތަށް ތެދުވާކަށް ބޭނުމެއްނުވިއެވެ. ހައިރާންކަން އިތުރުކުރުވި ކަމަކީ، ޝާޒްލީ ހުއްޓުވަން ޖިނާ ނައިކަމެވެ. ކުދިންނަށް ޓިއުޝަންދިނުމުގައި ޖިނާ އުޅުނީ އަވަދިނެތިއެވެ. ފަހު ކިލާސް ނިންމައިލިއިރު ރޭގަނޑު އަށެއްޖަހައިފިއެވެ.
"ދޭބަލަ ޝާޒްލީ ހުއްޓުވަން ދަރިފުޅާ!" އަޒީޒާ އެދުނެވެ. "މުޅި ދުވަހު އެއްޗެއް ނުކަޔޭ އޭނަ އެއޮތީ!"
"ރަނގަޅެއްނު!" ޖިނާ ޖަވާބުދިނެވެ. "އޭރުން ބުޅާ ދިރިގެން އަންނާނެ. ބާއްވާ!"
އެހެން އެ ބުނަނީ، އިރެއްގައި ދަރިންނާ ނުލައި ނޭވާއެއް ވެސް ނުލެވުނު ބައްޕަކަމެއް އަޒީޒާއަކަށް ގަބޫލެއް ނުކުރެވެއެވެ.
"ދަރިފުޅު ހާދަ ބަދަލުވެއްޖޭ!" އަޒީޒާ ބުންޏެވެ. "ދަރިފުޅަށް އެނގޭނެ ބުޅާދެކެ ޝާޒްލީ ކިހާ ލޯބިވާކަން. މަ ހިތަށްއަރާ ބުޅަލަށް އަނިޔާކުރި މީހެއްގެ އަތް ވާނުވިކަމޭ."
ވާހަކަ އެ ހިސާބަށް ހުއްޓައިލުމަށް، އަތުގެ އިޝާރާތުން ޖިނާ ބުންޏެވެ.
"މާ އަނގަބޮޑުވެގެން ނޫޅޭ!" އިންޒާރުގެ ރާގެއްގައި ޖިނާ ބުންޏެވެ.
އަޒީޒާ ވަގުތުން ގަނޑުވިއެވެ. އެހެން މީހަކާ ދިމާއަށް ވިޔަސް ޖިނާ އެހެން ބުނި އަޑެއް އަޒީޒާ ނާހައެވެ. ޖިނާއަކީ ކިޔަމަންތެރިކަމުގެ ނަމޫނާ ދަރިއެކެވެ. އޯގާތެރިކަމާއި އިޙުތިރާމުކުރުމުގެ ލާމަސީލު މިސާލެކެވެ. ބާޒާރުމަތީ ބަހުރުވަޔަކުން އަޒީޒާޔާ ވާހަކަދައްކާކަށް ޖިނާއަކަށް ނުކެރޭނެއެވެ. އަޒީޒާއަށް އެ ކަން ކަށަވަރެވެ. ލޯކުރިމަތީގައި ހިނގި ހާދިސާ ގަބޫލުކުރަން އަޒީޒާ ނުކުޅެދުނެވެ.
ބޯމަތިވަމުންއައި ކަޅު ވިލާތައް އެއްތާކަށް ޖަމާވެ، ވާރޭ ވެހިގަތީ ރޭގަނޑު ބާރަޖެހި ފަހުންނެވެ. ގުގުރީގެ ގަދަފަދަ އަޑާއި ވިދުވަރުގެ ތޫނު އަލީގެ ސަބަބުން މާޙައުލަށް ފެތުރިފައިވަނީ އަޖައިބެއް ކަހަލަ ބިރުވެރިކަމެކެވެ. ވައިގަދަކަމުން ބިއްލޫރިތައް ތަޅައިގެންހިނގައިދާނެ ކަހަލައެވެ. ކޮޓަރިތެރެއަށް އަލިއެޅޭ ވަރުން ޝާޒްލީ ގޮސް ކުޑަދޮރުގެ ފޮތިގަނޑު ދަމައިލިއެވެ. އެ ވަގުތު ފާޚާނާ ތެރެއިން އަޑެއް އިވެން ފެށިއެވެ. ހީވަނީ ބާލިދީއަށް ވަރަށް މަތިން ފެންއޮހޭހެންނެވެ. ފާޚާނަޔަކު މީހަކު ނެތެވެ. ބޮކި ހުރީ ނިއްވައިފައެވެ. ޝާޒްލީ ކޮޓަރީގެ ބޮކި ދިއްލައިލި ވަގުތު ހަޅޭއްލަވައިގަނެވުނެވެ. އެނދުގައި އޮތް މީހާ އިސްކޮޅު ބޮޑުކަމުންނެވެ. އޭނަ އޮތީ ބޮލާ އެކުގައި ރަޖާއަޅައިގެންނެވެ. ޝާޒްލީ މަޑުމަޑުން ރަޖާގަނޑު ދަމައިލިއެވެ. އެނދުގައި އޮތީ ޖެނީއެވެ. ނިދައި މަރުވެފައެވެ. ރަޖާގަނޑު އެއްކޮށް ނެގިއިރު ޖެނީ އޮތީ ފައި ކުރުކޮށްގެންނެވެ. މުޅި އެނދުގައި އޮތީ ޖެނީގެ ފަޔެވެ. ފާޚާނާ ތެރެއަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އެ އަޑަށް ޝާޒްލީ ފާޚާނާޔާ ދިމާއަށް ބަލައިލި ވަގުތު ޖެނީ ދެ ލޯ ހުޅުވައިލިއެވެ. ލޮލުގެ ކަޅުކަޅިއެއް ނެތެވެ. ދެ ލޯ ވެސް ހުރީ ހުދުކުލައިގައެވެ. ފާޚާނައިގެ ދޮރު އަމިއްލައަށް ހުޅުވުނެވެ. އޭރު ޖެނީ މަޑުމަޑުން ތެދުވެއްޖެއެވެ. އޭނަ ދިގުކަމުން އެ ތަނުގައި ޖާގަ ނެތިގެން ޖެނީ ގުދުވިއެވެ.
ނުނިމޭ