05 ސެޕްޓެމްބަރ 2018 - 07:31

ބޮލީވުޑްގެ ބަތަލާއިންނާއި އިންޑިއާގެ ކްރިކެޓް ތަރިންގެ ލޯބީގެ ވާހަކަތައް ދައްކައި ހުހެއް ނުވާނެ އެވެ. މަޝްހޫރު ބައެއް ބަތަލާއިން ކައިވެނިކޮށްގެން ވެސް އުޅެނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާ އެވެ.

ބަތަލާ އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ކައިވެންޏަކީ މި ފަހުން ބޭއްވި މިފަދަ އެންމެ ނަންވީ އެއް ކައިވެންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އެއާލިފްޓް" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ނިމްރަތު ކޯރް ވެސް އަންނަނީ ކްރިކެޓްގައި ނަން ހިނގާ މަޝްހޫރު ތަރިއަކާ ލޯބީގެ ގުޅުމެއް ބާއްވަމުންނެވެ. ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހިތާވެގެން އުޅެނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ހެޑް ކޯޗް ރަވީ ޝާސްތުރީއާ އެވެ. އަދި ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރު ދުވަސް ވެދާނެ ކަމަށް ބުނެފައިވެ އެވެ.
މި ވާހަކަތައް މީޑިއާގައި މި ހަފުތާގައި މާ ގަދައަށް ދެކެވެން ފެށުމުން ނިމްރަތު މާ ދުރުދުރުން ޓްވީޓެއްކޮށް، މީޑިއާތަކުން ދެއްކި ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ. އެ ޓްވީޓްގައި "ލަންޗް ބޮކްސް" ގެ ބަތަލާ ބުނީ ތާކުންތާކު ނުޖެހޭ ވާޙަކަތަކާ އޭނާ ހުރީ ދުރުގައި ކަމަށާއި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
އުމުރުން 56 އަހަރުގެ ރަވީ މީގެ ކުރިން ކައިވެންޏެއްކޮށް 10 އަހަރުގެ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ.
އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ހެޑް ކޯޗްގެ މަގާމާ މިދިޔަ އަހަރު ހަވާލުވި ރަވީ އާއި ނިމްރަތުގެ ގުޅުމާ ބެހޭ ގޮތުން މީޑިއާތަކުން ފެތުރި ވާހަކަތަކަށް ރައްދު ދެމުން ރަވީ މިޑް-ޑޭ އަށް ބުނީ އެ ވާހަކައަކީ މިހާތަނަށް އަޑު އެހި "އެންމެ ބޮޑު ގެރި ގުއި ވާހަކަ" ކަމަށެވެ. އަދި އިތުރު އެއްވެސް ކޮމެންޓެއް މިކަމާ ބެހޭ ގޮތުން އޭނާ ކުރާކަށް ބޭނުމެއް ނުވި އެވެ.
އުމުރުން 36 އަހަރުގެ ނިމްރަތު މިހާރު އަންނަނީ އެކްތާ ކަޕޫރްގެ ވެބް ސީރީޒް "ދަ ޓެސްޓް ކޭސް" ގައި މަސައްކަތް ކުރަމުންނެވެ. ނިމްރަތަކީ ޝޯޓައިމުން ގެނެސް ދިން ހޮލީވުޑްގެ މަޝްހޫރު ޓީވީ ސިލްސިލާ "ހޯމްލޭންޑް" ގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.