ކުރީގެ ލަވަތަކާ ކުޅޭތީ ލަތާ މަންގޭޝްކަރް ރުޅިގަދަވެއްޖެ
ކުރީގެ ލަވަތަކާ ކުޅޭތީ ލަތާ މަންގޭޝްކަރް ރުޅިގަދަވެއްޖެ

އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރަކީ ރިމިކްސްތަކާއި އަދި އެ ނޫން ވެސް ގޮތްގޮތަށް ކުރީގެ ލަވަތަކަށް ބަދަލުތައް ގެނައުމާ ދެކޮޅު ފަންނާނެކެވެ. އެކަމާ ނުރުހިގެން ވަރަށް ގިނަ ފަހަރު އޭނާ ވާހަކަ ދައްކާފައިވެ އެވެ. ލަތާ ބުނާ ގޮތުގައި މިހާރުގެ މިއުޒިޝަނުންނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކައިލެވޭނީ އެ މީހުން އަމިއްލަ މަސައްކަތްތަކެއްކޮށްގެންނެވެ. އެހެންވެ އެ މިސްރާބަށް ދާން ގޮވައިލާ ކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެ އެވެ.

މި ފަހަރު އަނެއްކާވެސް ލަތާގެ ކަންބޮޑުވުމެކެވެ. މި މަހުގެ 14 ގައި ރިލީޒްކުރާ ޖެކީ ބަގްނާނީގެ ފިލްމް "މިތުރޯން" ގައި ވަނީ ލަތާގެ ވަރަށް މަގުބޫލު ލަވައެއް ކަމަށްވާ "ޗަލްތޭ ޗަލްތޭ" އާ ވާޝަނެއް ހިމަނައިފަ އެވެ.

މި ލަވައަކީ 1972 ގައި ރިލީޒް ކުރި ކަމަލް އަމްރޯހީގެ މަޝްހޫރު ފިލްމް "ޕަކީޒާ" ގެ އެންމެ ރީތި ލަވަތަކުގެ ތެރެއިން އެއް ލަވަ އެވެ. ގުލާމް މުހައްމަދުގެ އަސަރުގަދަ މިއުޒިކަށް ލަތާ ކިޔާފައިވާ ލަވައިގެ ޅެން ހަދާފައި ވަނީ ކައިފީ އަޒްމީ އެވެ.

މި ލަވައިގެ އާ ވާޝަނެއް "މިތުރޯން" ގައި ހިމެނި އިރު، މިއުޒިކާއި ލަވައިގެ ޅެމާ ވެސް ވަނީ ވަރަށް ބޮޑަށް ކުޅެފަ އެވެ. ލަވަ ކިޔާފައި ވަނީ އާންމުކޮށް ބޮލީވުޑްގެ ފިލްމްތަކަށް ލަވަ ކިޔައިދެމުން އަންނަ ޕާކިސްތާންގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމެވެ. ލަވައިގެ މިއުޒިކް "ގަޑުބަޑު"ކޮށްފައި ވަނީ ތަނިޝްގް ބަގްޗީ އެވެ.

މިކަމާ ގުޅިގެން ލަތާ ވަނީ "ޗަލްތޭ ޗަލްތޭ" ގެ އާ ލަވަ އަޑު އަހަން ވެސް ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

އޭނާ ބުނި ގޮތުގައި ކުރީގެ ކުޅަދާނަ ފަންނާނުންކޮށްފައި ހުންނަ ރީތި، ފުރިހަމަ އަދި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މަސައްކަތްތަކާ މިހާރުގެ ފަންނާނުން ކުޅެނީ އުފެއްދުންތެރިކަން ނެތުމުންނެވެ. އަދި އެއީ ގަބޫލުކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް ބުންޏެވެ.

އެތައް ހާސް ލަވައެއް ކިޔާފައިވާ ލަތާ ބުނި ގޮތުގައި ކުރީގެ ލަވަތައް ފަހުގެ މިއުޒިޝަނުން ބަދަލު ކުރަނީ އެ ލަވަތަކުގެ މިލްކުވެރިންގެ ހުއްދަ ވެސް ނެތި އެވެ.

"އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ އެހެން ބަޔަކު ކޮށްފައި ހުންނަ މަސައްކަތްތަކެއް ހަރާބުކޮށްލާކަށް،" އުމުރުން 88 އަހަރުގެ ލަވަކިޔުންތެރިޔާ ބުންޏެވެ.

ލަތާ ބުނި ގޮތުގައި މިހާރުގެ ގިނަ ފަންނާނުންނަކީ މަޝްހޫރުކަމާއި މަގުބޫލުކަން "ޝޯޓްކަޓަކުން" ހޯދަން ބޭނުންވާ ބައެކެވެ. އެހެންވެ އާންމުންގެ ތެރޭގައި މަގުބޫލުވެފައި ހުނަން އެހެން ބައެއްގެ މަސައްކަތެއް ނަގައިގެން، އެއާ ކުޅެނީ ކަމަށް ބުންޏެވެ.

"އެކަމަކު މިއީ އެއްގޮތަކަށް ވެސް އުފެއްދުންތެެރި ކަމެއް ނޫން. އެއީ އަގުހުރި މަސައްކަތެއް ހަރާބުކޮށް ހަލާކުކޮށްލުން. މިކަމަކީ މިހާރުން މިހާރަށް ވެސް ހުއްޓައިލަންވެއްޖެ ކަމެއް،" ލަތާ ބުންޏެވެ. "ހުނަރު ހުރިކަން ދައްކަން ބޭނުން ކަމަށް ވަންޏާ އަމިއްލަ މަސައްކަތްތައްކޮށްގެން މަގުބޫލުކަން ހޯދަން އުޅުމަކީ އެންމެ ރީތި ގޮތަކީ."