06 އޯގަސްޓް 2016 - 15:42

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 6) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ ޖަމިއްޔާގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ކުރެވުނު ތުހުމަތުތަކުން އޭނާ ސަލާމަތްވެވަޑައިގެންފި އެވެ.
އެތިކްސް ކޮމިޓީގެ ތަހުގީގީ ޗެމްބަރުން އިންފަންޓީނޯއާ ސުވާލުކުރުމަށް ފަހު، ނިންމާފައިވަނީ އެ ޖަމިއްޔާގެ ކޯޑް އޮފް އެތިކްސްއާ އިންފަންޓީނޯ ހިލާފުވެވަޑައިގެންފައި ނުވާ ކަމަށާއި އަދި އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކުރައްވާފައިނުވާ ކަމަށެވެ.
"އިންފަންޓީނޯ ކުރެއްވި ކަންކަމުން، ލިބިވަޑައިގެންނެވި ފައިދާތަކަކީ ނާޖާއިޒް ފައިދާތަކެއް ކަމަށް ނުފެނުނު،" އެތިކްސް ކޮމިޓީން ބުނެފައިވެ އެވެ.
އެ ތަހުގީގުން ބިނާކުރުވަނިވި ކަންތައްތަކެއް ފެނުނު ނަމަ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ އެވެ. އަދި އިންފަންޓީނޯގެ މައްޗަށް އެކަން ސާބިތުވި ނަމަ 90 ދުވަހާ ހަމަޔަށް ސަސްޕެންޑްކުރުމުގެ ފުރުސަތު އޮތެވެ.
އިންފަންޓީނޯ ވިދާޅުވީ އެތިކްސް ކޮމިޓީގެ ނިންމުމާ އެކު ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ގާބިލްކަމަށް ބެލުމެއް ނެތި ފީފާގެ މަގާމްތަކަށް މެމްބަރުން އައްޔަންކުރުމާއި ބައެއް އަމިއްލަ ކަންކަން ފީފާގެ ބަޖެޓުން ކުރުން ހިމެނެ އެވެ.
ފީފާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ވެސް ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ އޭނާ ވަނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ ވެސް، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ބްލެޓާ އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. މީގެ އިތުރުން ޔޫރަޕުގެ ފަރާތުން ފީފާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަން ތައްޔާރުގައި ހުންނެވި މިޝޭލް ޕްލެޓިނީ ވެސް ވަނީ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ. އިންފަންޓީނޯ އަކީ ޕްލެޓިނީގެ ބަދަލުގައި ޔޫރަޕުގެ ފަރާތުން ފީފާ އަށް ހުށަހެޅުއްވި ކެންޑިޑޭޓެވެ.